ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ


2017-02-02

އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި މާލޭ ސަރަހައްދުގެ ސަރުކާރު ސްކޫލްތަކުގެ ބަޖެޓް ބަލަހައްޓާ މުވައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމާއި ބެހޭ ތަމްރީނު ދިނުމުގެ ވޯރކްޝޮޕް އެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ އޮޑިޓް އެންޑް ކޮމްޕްލަޔަންސް ސެކްޝަނާއި، އޮޑިޓަރ ޖެނެރަލް އޮފީސް ގުޅިގެން މިނިސްޓްރީ އާއި ސްކޫލްތަކުގެ މުދަލާއި ފައިސާ ބަލަހައްޓާ މުވައްޒަފުންނަށް އަމާޒުކޮށްގެން އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދިޔަ މި ވޯރކްޝޮޕްގައި ޖުމްލަ 52 މުވައްޒަފަކު ބައިވެރިވިއެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަޤްސަދަކީ، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން މާލޭގައި ހިނގަމުންދާ ބަޖެޓް ވަކިކުރި ސްކޫލްތަކާއި މިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގެ މުދަލާއި ފައިސާ ބަލަހައްޓާ މުވައްޒަފުން "އިންޓަނޭޝަނަލް ޕަބްލިކް ސެކްޓަރ އެކައުންޓިންގ ސްޓޭންޑަރޑްސް (IPSAS) ކޭޝް ބޭސިސް" އާއި އެއްގޮތަށް މާލީހިސާބު ތައްޔާރުކުރުމުގެ މައުލޫމާތުދީ އަހުލުވެރިކުރުވުމެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވާ މުހިއްމު ބައިތަކުގެތެރޭގައި ފައިސާ ލިބުނު ގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން، ފާސްކުރި ބަޖެޓާއި އެބަޖެޓުން ޚަރަދުކުރި ގޮތުގެ ބަޔާން، ހާމަކުރުމަށް ބާރުއަޅާ އިތުރު މައުލޫމާތު، މާލީ ބަޔާންތައް ތައްޔާރުކުރުމަށް ބޭނުންވާ ރެކޯޑު ބެލެހެއްޓުން، ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރެވުނު ގޮތުގެ ބަޔާނަށް މައުލޫމާތު ހޯދާނެ ގޮތްތައް ހިމެނެއެވެ. މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެއްވާފައިވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ފަންނީ މުވައްޒަފުންނެވެ.