މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ޔުނިސެފާ ދެމެދު އެނުއަލް ވޯރކް ޕްލޭންގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު މިއަދު ބާއްވަވައިފިއެވެ. މިރަސްމިއްޔާތުއޮތީ މިއަދު މެންދުރުފަހު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސެމިނަރ ރޫމްގައެވެ.
އެނުއަލް ވޯރކް ޕްލޭންގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. މުޞްޠަފާ ލުޠުފީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއި ކުރެއްވީ ޔުނިސެފްގެ ރެޕްރެޒެންޓެޓިވް މިސްޓަރ. މަންސޫރު އެމް.އަލީ އެވެ.
ދިރާސީ އައު އަހަރު ފެށުމާގުޅިގެން މިނިސްޓަރ އޮފް އެޑިޔުކޭޝަން އޮނަރަބްލް ޑޮކްޓަރ މުސްތަފާ ލުތުފީ ، ދަރިވަރުންނަށާއި ބެލެނިވެރިންނާއި ޓީޗަރުންނަށް އަދި ތައުލީމީ ހިންގުންތެރިންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މިގޮތުން އެމަނިކުފާނު ތަހުނިޔާ ވިދާޅުވެފައިވަނީ ދިރާސީ އައުއަހަރުގެ މުނާސަބާގައި ދެއްވި ޚިތާބުގައެވެ.
ތަޢުލީމީ އާއަހަރުގެ ގޮންޖެހުންތަކާއި ރޭވުންތެރިކަމާއި އުންމީދު ތަކުގެ މައްޗަށް އަލިއަޅުވާލައްވައި ދެއްވި މިޚިތާބުގައި މި ފެށުނު ދިރާސީ އަހަރަކީ ހުރިހާގޮތަކުންވެސް އަރުތަވެރި ބާއްޖަވެރި އަހަރެއްކަމުގައި ލެއްވުން އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓީޗަރުން އެ ދުވަހަކު ދެއްވާ ފިލާވަޅުތައް ހަމަ އެދުވަހަކު ރަނގަޅަށް ދަނެގަނެ ދަސްކުރުމަށް ދަރިވަރުންނަށް ގޮވާލައްވައި މައިން ބަފައިންގެ ބަސް އަހައި އެ މީހުންކުރާ ކަންކަމުގައި ކުދިން އެޙީތެރިވެދިނުމަށް އެދިވަޑައިގަތެވެ.
މިއަހަރު ރާއްޖޭގެ ސްކޫލްތަކުގައި 78444 ކުދިންކިޔަވައެވެ.