Englishދިވެހި
2010 ވަނަ އަހަރު މާއްދާ ތަކުން ކުރިއެރުން ހޯދުމުގެ ލަނޑުދަނޑި އިޢުލާން ކުރެވިއްޖެ
09 ފެބްރުއަރީ 2010
2010 ވަނަ އަހަރު ދަރިވަރުން ކިޔަވަމުން ގެންދާ މާއްދާ ތަކުން ކުރިއެރުން ހޯދުމުގެ ލަނޑުދަނޑި އިޢުލާން ކުރައްވައިފިއެވެ. ދަރުބާރުގޭ ފަންސަވީހުގައި ބޭއްވުނު މީޑިއާ ކޮންފަރެންސެއްގައި ނިމިދިޔަ 2009 ވަނަ އަހަރުގެ ޘާނަވީ ތަޢުލީމު ނިންމާ އިމްތިޙާނު ތަކުގެ ނަތީޖާ އާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. މުޞްޠަފާ ލުޠުފީ ވިދާޅުވީ 2008 ވަނަ އަހަރަށްވުރެ ރަގަޅު ނަތީޖާ އެއް 2009 ވަނަ އަހަރު ހޯދިފައިވާ ކަމަށެވެ. އަދި މިހިނގާ 2010 ވަނަ އަހަރުގެ ލަނޑުދަނޑި އަކީ ޘާނަވީ ނިންމާ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން %41 ދަރިވަރުން 5 މާއްދާ އިން ފާސްވުމެވެ. އެއީ 2009 ވަނަ އަހަރު ލިބުނު ނަތީޖާ އަށްވުރެ %9 މަތީ އަދަދެކެވެ. ދަރިވަރުންނަށް "ޔޫ" ލިބޭ މިންވަރު ނިމިދިޔަ އަހަރަށްވުރެ %5 ދަށް ކުރުމަކީވެސް މިނިސްޓަރގެ އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ތަޢުލީމީ އަމާޒެއްކަމުގައި ކަނޑައަޅާފައިވަނީ މި 5 އަހަރު ނިމޭއިރު ޘާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން މަދުވެގެން %60 ދަރިވަރުން ދަށްވެގެން 5 މާއްދާއިން ފާސްކުރުވުމެވެ. 2009 ވަނަ އަހަރު %32 ދަރިވަރުން މި މިންވަރަށް ފާސްވިއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅައިބަލައިއިރު %5 ގެ ކުރިއެރުމެކެވެ. ދަރިވަރުން ބައިވެރިވި މާއްދާތަކުގެ ތެރެއިން 14 މާއްދާއަކުން 2008 ވަނަ އަހަރާ އަޅާބަލާއިރު ފާސްވިކުދިންގެ ނިސްބަތް އިތުރުވެފައިވެއެވެ. އަދި ސައިންސުގެ މާއްދާތަކުން ދަރިވަރުން ފާސްވެފައިވާ މިންވަރު ކޮމާސް ސްޓްރީމުގެ މާއްދާތަކަށްވުރެ ރަނގަޅެވެ.

2009 ވަނަ އަހަރު 173 ސްކޫލަކުން ޖުމްލަ 7137 ދަރިވަރުން ޘާނަވީ ނިންމާ އިމްތިޙާންތަކުގައި ބައިވެރިވެފައިވެއެވެ. މިއީ އަތޮޅު ތަކުގެ ސްކޫލް ތަކުން 5235 ދަރިވަރުންނާއި މާލޭގެ ސްކޫލް ތަކުން ބައިވެރިވި 1902 ދަރިވަރުންގެ ޖުމްލަ އަދަދެވެ.
ޝެއާ ކުރައްވާ
| |
ފޮޓޯތައް
© 2009 The Ministry of Education