ޓީޗަރުން ތަމްރީންކުރުމުގެ ގައުމީފެންވަރުގެ ކެމްޕެއިން އިފްތިތާހުކޮށްފި


2015-01-26

ޓީޗަރުން ތަމްރީންކުރުމަށް ގައުމީފެންވަރުގައި ހިންގުމަށް ހަމަޖެހިފައިވާ ކެމްޕެއިން "ތަހުޒީބު މުޖުތަމައަކަށް ގާބިލް ޓީޗަރުން ބިނާކުރުން" ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް މިރޭ ފަށްޓަވައިދެއްވައިފި އެވެ.   

މި ކެމްޕެއިން އިފްތިތާހުކުރުމަށް މިރޭ ކާނިވާސަރަހައްދުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ޓީޗަރުން ތަމްރީންކުރުމަށް މިފެށޭ ޕްރޮގްރާމަކީ ރައީސް ޔާމީންގެ ވައުދުކަމުގައިވާ އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ވައުދުގެ ތެރެއިން، ތަރުބަވީ ތައުލީމަށް މަގު ކޮށައިދޭ މުދައްރިސުންގެ ފަންނީ ގާބިލްކަން މަތިކުރުމުގެ މަސައްކަތް ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުގެ މެނިފެސްޓޯގައި ކަނޑައަޅާފައިވާ ގޮތަށް ޓީޗަރުންގެ ހައިބަތާއި ގަދަރު އުފުލާދޭނެ ކަމުގެ ޔަގީންކަން ލިބޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މުދައްރިސުންގެ ހައިބަތާއި ގަދަރު އުފުލަން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތަކީ މުދައްރިސުންނަކީ ފަންނީ ގޮތުން ގާބިލް އަދި މައުލޫމާތާއި އިލްމުގެ ގޮތުން މުއްސަނދި ބަޔަކަށް ހެދުން ކަމަށް ވެސް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވިއެވެ.

މިރޭ މިފެށި ޕްރޮގްރާމްގެ ދަށުން ވަޒީފާގައި ތިބެގެން ޓީޗަރުން މަތީތައުލީމް ހާސިލްކުރުމުގެ ފުރުސަތު ގައުމީ ޔުނިވާރސިޓީން ހޯއްދަވައިދެއްވާފައިވާތީ މިނިސްޓަރވަނީ ގިނަ ދުވަސްތަކެއްވަންދެން އެޑިއުކޭޝަން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުހައްމަދު ޒާހިރު ހުސައިން އަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަން ފާހަގަކުރައްވައި ޔުނިވަރސިޓީއަށް ހަނދާނީ ފިލައެއް ވެސް އަރުވާފައިވެއެވެ.

މިޕްރޮގްރާމުގެ ދަށުން، މިހާރު ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާއިން ދަށުގެ ސަނަދުތަކުގައި ތިބި ފަރާތްތައް ޑިޕްލޮމާއިން މަތީ ސަނަދު ތަކަށް ކިޔެވުމަށް ފުރުސަތު ލިބިގެންދެއެވެ. އަދި އޭލެވެލްގެ ތިން ފާހާއެކު ޓީޗިން ކޯހަށް އެދޭ ކޮންމެ މީހަކަށް ސްކޮލަރޝިޕް ދިނުމުގެ އިތުރުން ކޮންމެ އަހަރު 101 ޓީޗަރުންނަށް މުސާރައިގެ އެލަވަންސާއެކު ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ސުކޫލުތަކުގައި މިހާރު މަސައްކަތްކުރަމުންދާ ދެ ހާހެއްހާ ބިދޭސީ ޓީޗަރުންގެ ބަދަލުގައި މަސައްކަތްކުރާނެ ދިވެހިން ކުރިއަށްއޮތް 10 އަހަރުތެރޭ އުފެއްދުމެވެ.

މިރަސްމިއްޔާތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ތައުލީމަށް ކުރައްވާ ޚިދުމަތް ފާހަގަ ކުރެއްވުމުގެ ގޮތުން މުދައްރިސް ކަމުގެ ޝަރަފުގެ އައްޑަނަ އެއް ވެސް މިނިސްޓަރ ވަނީ ކަމަނާ އަށް ދެއްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި އިއްޒަތްތެރިންނާއި ސުކޫލުތަކުގެ ވެރިންނާއި ޓީޗަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން ސުކޫލުތަކުގައި ކިޔަވަމުންގެންދާގިނައަދަދެއްގެދަރިވަރުންވެސްމިރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.

 

 

"ތަހުޒީބު މުޖުތަމައަކަށް ގާބިލް ޓީޗަރުން ބިނާކުރުން" ފެށުމަށް ބޭއްވި ރަސްމިއްޔާތާއި ގުޅޭގޮތުން ހަވީރު އޮންލައިން އިން ތައްޔާރުކޮށްފައިވާ ވީޑިއޯ އެއް