ތިން ވަނަ ބައިނަލްއަޤްވާމީ ޓީޗަރުންގެ ކޮންފަރެންސް ފަށައިފި


2015-09-01

ތިން ވަނަ ބައިނަލްއަޤްވާމީ ޓީޗަރުންގެ ކޮންފަރެންސް މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ފެށި މި ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.

ކޮންފެރެންސް ފަށްޓަވައި ދެއްވުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ގައުމުގެ އާޖީލުގެ ތައުލީމް ބިނާވަނީ ޓީޗަރުންގެ އަތްމަތީގައި ކަމަށެވެ.

"ގައުމުގެ ތަރައްގީގައި ޓީޗަރުން އަދާކުރައްވާ ދައުރާއި އެކު، މިއަދު ޓީޗަރުން ވެފައިވަނީ ގައުމު ހިންގާ ނެގެހެއްޓުމުގައި އަގުހުރި ރައުސްމާލަކަށް." މިނިސްޓަރ ސިފަކުރެއްވި އެވެ.

އެކަމަނާގެ ވާހަކަފުޅުގައި ވަނީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ތައުލީމީ ދާއިރާއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އިޝާރާތްކުރައްވާފަ އެވެ.

މިނިސްޓަރ ވިދާޅުވީ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގައި ޓެކްނޮލަޖީގެ ދައުރު އިތުރުކުރުމަށް ތައުލީމީ ދާއިރާއިން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، ތައުލީމް އުނގަންނައިދިނުމުގައި ޓެކްނޮލަޖީގެ ދައުރު ފުޅާކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

"ޓެކްނޮލަޖީގެ ޒަރިއްޔާއިން ދަރިވަރުންނާއި ޓީޗަރުންގެ ހުނަރުތައް މިހާރަށް ވުރެ އިތުރުވިގެން ދާނެ ކަން ޔަގީން." އެޓާނީ ޖެނެރަލް ވިދާޅުވި އެވެ.

އަނިލް ވިދާޅުވިގޮތުގައި، މިފަދަ ކޮންފެރެންސްތަކުން މިއަދުގެ ތައުލީމީ ނިޒާމުގައި ހުރި ކަންތައްތައް މުތާލިޔާކޮށް އެ ކަންކަމާއި މެދު ބަހުސްކުރުމަށް ފުރުސަތު ހުޅުވިގެންދާނެ އެވެ.

ތައުލީމީ ދާއިރާ އިން ޖުމްލަ 200 ފަރާތެއް ބައިވެރިވާ މި ކޮންފެރެންސްގައި ރާއްޖޭގެ އިތުރުން ދުނިޔޭގެ 10 ގައުމަކުން 30ށް ވުރެ ގިނަ ފަރާތެއްބައިވެރިވެ އެވެ.

ކޮންފެރެންސްގެ މައިގަނޑު މައުލޫއެއްގެ ގޮތުގައި "ޓެކްނޮލޮޖީ އިނޭބަލްޑް ލާނިން އެންވަޔަރަމެންޓް" ނަގާފައިވާ އިރު، ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ ޓެކްނޮލަޖީ އާއި ރައްޓެހި ގޮތެއްގައި ކިޔަވައިދިނުމުގެ ކަންކަން ބައްޓަން ކުރާނެ ގޮތްތަކާއި ބެހޭ ގޮތުންނާއި އަދި ޓެކްނޮލޮޖީގެ ވިސްނުން ބޭނުން ކޮށްގެން ކިޔަވައިދިނުމުގެ ވިސްނުން ކުރިއެރުވިދާނެ ގޮތްތަކުގެ މައްޗަށެވެ.

އަދި މީގެ އިތުރުން މި ކޮންފެރެންސްގައި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން އެންމެ ކުއްޖަކު ވެސް ބާކީ ނުކޮށް ތައުލީމާއި ތަމްރީނު ދަރިވަރުންނަށް ހޯދައިދިނުމަށް ކުރާނެ ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.