އިންޓަނޭޝަނަލް މެތަމޭނިއާ ޗެލެންޖްގައި ބައިވެރިވާ ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި


2015-11-12

ތައިލެންޑްގެ ބެންކޮކްގައި އޮންނަ ފަސް ވަނަ އިންޓަނޭޝަނަލް މެތަމޭނިއާ ޗެލެންޖްގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުން ބައިވެރިވާ ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި މުހާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރުގައި ލިބޭ މިފަދަ ފުރުސަތު ތަކަކީ އޭގެ ހެޔޮ އަސަރު ދިރިއުޅުމުގައި ކުރާނެ ކަމެއް ކަމަށެވެ.

"މިއީ ދަރިވަރުންނަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. މިއީ ވާދަވެރި މާހައުލެއްގައި ކުދިންނާއި ގުޅިގެން މަސައްކަތް ކުރަން ދަސްވެ، އާ ރަށްޓެހިން އުފައްދައި އަދި އެހެން ގައުމުތަކުގެ ސަގާފަތްތައް ގާތުން ބަލާލުމަށް ލިބޭ ފުރުސަތެއް." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ މިފަދަ މުބާރާތްތަކުގައި ދަރިވަރުން ހަރަކާތްތެރިވާއިރު، ދިވެހިންގެ ރީތި އާދަކާދަތަކާއި ދިވެހިންގެ ރީތި އަޚްލާގް އެހެން ގައުމުތަކުގެ ދަރިވަރުންނަށް ދަށްކައިދިނުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޕޭން އޭސިއާ އިންޓަނޭޝަނަލް ސްކޫލުން އިންތިޒާމްކުރާ މި މުބާރާތުގައި ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލުގެ 12 ދަރިވަރުން ބައިވެރިވެއެވެ. މި ދަރިވަރުންނާއި އެކު ސްކޫލް ޕްރިންސިޕަލާއި ޓީޗަރަކު އަދި ދަރިވަރުންގެ ބެލެނިވެރިން ބައިވެރި ވެއެވެ.

މުބާރާތުގައި ބައިވެރިވާ ދަރިވަރުން އަންނަ އާދިއްތަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް އޮންނާނީ އަންގާރަ ދުވަހާއި ބުދަ ދުވަހެވެ.

މިދިޔަ އަހަރު މި މުބާރާތުގައި ތައިލެންޑް، ބަރްމާ އަދި ލާއޯސްގެ 18 ސްކޫލަކުން ޖުމްލަ 294 ދަރިވަރުން ވާދަކޮށްފައިވެއެވެ. އަދި މި އަހަރުގެ މިބާރާތުގައި އިތުރު ގައުމުތަކުން ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގެ މަގްސަދަކީ ދަރިވަރުންނަށް ހިސާބުގެ މައްސަލަތައް ހައްލުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމެވެ.