ރަށުގައި ތިބެގެން ދުރުން ދޭ މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި


2016-03-13

ރަށުގައި ތިބެގެން ދުރުން ދޭ މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ޢަދަދު އިތުރުކުރުމުގެ މަޤްސަދުގައި "ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލާރނިން" ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އިންތިޒާމްކޮށްގެން "ކޮމްންވެލްތް އޮފް ލަރނިންގ"ގެ ހިލޭ އެހީގައި "ވެލިޑޭޝަން އޮފް ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލަރނިން" ގެ ނަމުގައި ފެށި ދެ ދުވަހުގެ މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ މާބުލް ހޮޓެލްގަ އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި މަތީ ތައުލީމް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ 36 ފަރާތަކުން ބައިވެރިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި މީގެ ކުރިން، ކޮމަންވެލްތް އޮފް ލާނިން އާއި ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނާއި ގުޅިގެން އެކުލަވާލާފައިވާ "ނޭޝަނަލް ޕޮލިސީ އޮން އޯޕަން އެންޑް ޑިސްޓަންސް ލަރިނިން" ގެ ޑްރާފްޓާއިމެދު މަޝްވަރާކޮށް ފައިނަލްކުރެވިގެންދާނެއެވެ.

 މި ޑްރާފްޓް އެކުލަވާލައިފައި ވަނީ މިކަމަށްޓަކައި، ކަމާގުޅުން ހުރި ފަރާތްތަކުގެ މެދުގައި ޚިޔާލު ހޯދައި މަޝްވަރާކުރުމަށް  2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 02އިން 03 އަށް ބޭއްވުނު ވަރކްޝޮޕަކަށް ފަހު، ލިބިފައިވާ މަޝްވަރާ އާއި ޚިޔާލުތަކުގެ އަލީގައެވެ.

މިއީ ދިވެހިރާއްޖޭގައި އެކުލަވާލެވޭ މިފަދަ ފުރަތަމަ ޕޮލިސީއެވެ. ދިވެހިރާއްޖެއަކީ ވަކިވަކި ރަށްތައް ބެހިފައިވާ ޤައުމަކަށްވާއިރު ކޮންމެ ރަށެއްގައި ޔުނިވަރސިޓީ،ކޮލެޖް، ނުވަތަ އެތަންތަނުގެ ގޮފިތައް ޤާއިމްކުރުމަކީ، ވަސީލަތްތަކާއި ޚަރަދުގެ ގޮތުން ބަލާއިރު ކުރެވޭނެ ކަމަކަށް ނުވެއެވެ.

ވީމާ، ވަސީލަތްތަކާއި ޚަރަދުގެ ގޮތުން ބަލާއިރު ރާއްޖޭގެ ޠަބީޢަތާ އެންމެ ގުޅެނީ، އަމިއްލަ ރަށުގައި ތިބެގެން ދުރުންދޭ ތަޢުލީމުގެ ނިޒާމު ބޭނުންކޮށްގެން ކިޔެވޭނެ މަގުފަހިކުރުމެވެ. ނުވަތަ އޯޕަން އެންޑް ޑިސްޓަންސް ލަރނިން ތަޢާރުފު ކުރުމެވެ.

އެހެންކަމުން، މިޕޮލިސީ އަކީ މަތީތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ޢަދަދު މަތިވެ، ދިވެހިރާއްޖެ މަތީ ތަޢުލީމުގެ ރޮނގުން އިތުރު ހަރުފަތްތަކަށް ވާސިލުވުމަށް ކޮށުނު މަގަކަށް ވާނެކަމަށް ދެކެމެވެ.