ޓީއާރުޓީ އިންޓަނޭޝަނަލް ޗިލްޑްރަން ފެސްޓިވަލްގައި ބައިވެރިވާ ދަރިވަރުންނާއި މިނިސްޓަރ ބައްދަލުކުރައްވައިފި


2016-04-17

ޓާކިޝް ރޭޑިއޯ އެންޑް ޓެލެވިޝަން ކޯޕަރޭޝަން ޓީއާރުޓީ ގެ ފަރާތުން ތުރުކީގައި ބާއްވާ ޓީއާރުޓީ އިންޓަނޭޝަނަލް ޗިލްޑްރަން ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރެއްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މި ފެސްޓިވަލްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާއި މުހާތަބްކުރައްވާ މިނިސްޓަރ ވިދާޅުވީ ސްކޫލް ދައުރުގައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުން އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާ ކަމަށެވެ.

" އެހެން މީހުންނާއި އެކު ގުޅިގެން އުޅެން ދަސްވުމާއި، ތަފާތު ގައުމުތަކުން ރަހްމަތްތެރިން ހޯދުމާއި، އެހެން ގައުމުތަކުގެ ސަގާފަތާއި އާދަކާދަތައް ދެނެގަނެ އިހްތިރާމްކުރުމަކީ މިފަދަ ދަތުރުތަކުން ދަރިވަރުންނަށް ލިބޭ ވަރަށް މުހިއްމު ފިލާވަޅެއް." މިނިސްޓަރ ވިދާޅުވި އެވެ.

އަދި މިފަދަ ފެސްޓިވަލްތަކުގައި ދަރިވަރުން ހަރަކާތްތެރިވާއިރު، ދިވެހިންގެ ރީތި އާދަކާދަތަކާއި ދިވެހިންގެ ރީތި އަޚްލާގް އެހެން ގައުމުތަކުގެ ދަރިވަރުންނަށް ދަށްކައިދިނުމަށް ފެސްޓިވަލްގައި ބައިވެރިވާ ދަރިވަރުންގެ ކިބައިން މިނިސްޓަރ އެދިވަޑައިގަތެވެ.

މި މަހުގެ 18 އިން ފެށިގެން 30 ގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލްގައި ރާއްޖެއިން 13 ދަރިވަރަކާއި ދެ އޮފިޝަލަކު ބައިވެރިވެއެވެ. އެއީ ޖަމާލުއްދީން ސްކޫލުން 4 ދަރިވަރުންނާއި، އިމާދުއްދުއްދީން ސްކޫލުން 4 ދަރިވަރަކު އަދި ރެހެންދީ ސްކޫލުން 4 ދަރިވަރަކާއި ކ. އަތޮޅު ތައުލީމީ މަރުކަޒުން އެއް ދަރިވަރެކެވެ.

މި ފެސްޓިވަލްގައި ދަރިވަރުން ރާއްޖެ ތަމްސީލުކޮށް ނެށުމުގެ ދެ ހަރަކާތެއް ހުށައަޅައިދޭން ޖެހޭ އިރު، ދަރިވަރަކާއި އޮފިޝަލަކަށް ތުރުކީގެ ރައީސާއި، ޕްރައިމް މިނިސްޓަރ، ޕާލިމަންޓްގެ ރައީސް އަދި މޭޔާ އާއި ބައްދަލުކުރުމުގެ ފުރުސަތު ލިބެ އެވެ.

މިއަހަރުގެ ފެސްޓިވަލްގައި 130 ގައުމަކުން ދަރިވަރުން ބައިވެރި ވެއެވެ. މިއީ 1979 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލެކެވެ. އަދި މިއީ ރާއްޖޭން މި ފެސްޓިވަލް ގައި ބައިވެރިވާ  4 ވަނަ އަހަރެވެ.