އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ވާދަކުރާ ދަރިވަރުންނާއި ތައުލީމީ ވަޒީރު ބައްދަލުކުރައްވައިފި


2016-05-31

ވިއެޓްނާމްގެ ހޯޗީމިން ސިޓީ ގައި އޮންނަ 17 ވަނަ އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ރާއްޖޭން ވާދަކުރާ އެތުލީޓުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

އަންނަ ޖޫން މަހުގެ 3 ން 6 ށް ބާއްވާ 17 ވަނަ އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ 20 ން ދަށުގެ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އިސްކަންދަރު ސްކޫލްގެ ގްރޭޑް 10 ގެ ދަރިވަރު އާއިޝަތު ޒާރާ އާތިފް އާއި ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްގެ ގްރޭޑް 11 ގައި ކިޔަވަމުން އަންނަ ނަޝާ ނިޒާރު އަދި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 11 ގެ ދަރިވަރު މުހައްމަދު އިބްރާހީމް އެވެ. މި ހުރިހާ އެތުލީޓުން ވެސް ބައިވެރިވަނީ 100 މީޓަރު އަދި 200 މީޓަރު ދުވުމުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އޮތް މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ކުޅިވަރުގެ ރޫހާއި އެއްގޮތަށް މުބާރާތުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދެއްވުމަށް ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އެކަމަނާ ވިދާޅުވީ ދަރިވަރުންގެ ކުޅިވަރުގެ ހުނަރު ކުރިއެރުވުމަށް މިނިސްޓަރީގެ ފަރާތުން ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމަށެވެ.

މިނިސްޓަރގެވާހަކަފުޅުގައިވަނީ ކުޅިވަރުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންނަށް ސްޕޯޓްސް ސްކޮލަރޝިޕްގައި ބެއިވެރިވެވިދާނެ ކަމާއި،ކުޅިވަރުގެ ދާއިރާއިން ޓްރެއިނިންތައް ހެދުމަށް ރާއްޖޭން ބޭރަށްދާ ދަރިވަރުންގެ ކިޔެވުމުގެ ހަރަދު މިނިސްޓްރީން ދޭން ނިންމާފައިވާ ކަމާއި، އޭގެ ތެރެއިން ޑިގްރީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ސަރުކާރުގެ ފަރާތުން ދޫކުރާ މަތީ ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް ދެވޭ ލޯނު ސްކީމް ގައި ބައިވެރިވެވޭނެ ކަން ފާހަގަކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް ވަނީ ކުޅިވަރުގެ ދާއިރާއިން ހުނަރުވެރިން ބިނާކުރުމަށް ރާއްޖޭގެ ތައުލީމީ ވުޒާރާއިން ދެއްވާ އަހަމިއްޔަތުކަން ފާހަގަކުރައްވާ އެކަމަށްޓަކައި އެޑިޔުކޭޝަން މިނިސްޓްރީއަށް ޝުކުރުއަދާކުރައްވާފަ އެވެ.  

"ހާއްސަކޮށް އެތުލެޓިކްސް ކުރިއެރުވުމަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުދަންނަވަން." ތޮލާލް ވިދާޅުވި އެވެ.

މި މުބާރާތުގައި އޭޝިއާ ސަރަހައްދުގެ 45 ގައުމަކުން އެތުލީޓުން ބައިވެރިވާ އިރު، ރާއްޖޭން މުބާރާތުގައި ބައިވެރިވާ ދަރިވަރުން ފުރުމަށް ހަމަޖެހިފައިވަނީ މިރެއެވެ. މި ދަތުރުގައި ދަރިވަރުންނާއި އެކު ތިން އޮފިޝަލުން ބައިވެރިވެއެވެ.

މި މުބާރާތަށް ދަރިވަރުން ހޮވާފައިވަނީ ހދ. ކުޅުދުއްފުށީގައި ބޭއްވުނު 9 ވަނަ މަކިޓާ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް ގައި ފާހަގަކުރެވުނު ދަރިވަރުންގެ މެދުގައި މެއި މަހު މާލޭގައި ބޭއްވި ޓައިމް ޓްރައަލްގެ ނަތީޖާތަކަށް ބެލުމަށްފަހުއެވެ.

ކުޅިވަރުގެ ދާއިރާއިން ހުނަރުވެރި ދަރިވަރުން ބިނާކުރުމަށް ތަރުބަވީ ތައުލީމްގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން މޯލްޑިވްސް އޮލިމޕިކް ކޮމިޓީ އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅިގެން މިނިސްޓްރީން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.

އެގޮތުން  މި މަސައްކަތުގައި ދާދިފަހުން ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމަކީ މި އަހަރުގެ ސްޕޯޓްސް ސްކޮލަރޝިޕް ލިބުން ދަރިވަރުންގެ ތެރެއިން ބޮޓްސުވާނާގައި ތަމްރީނުވަމުން އަންނަ ދަރިވަރު މުހައްމަދު ނާއިލް މި މަހުގެ 21 ވަނަ ދުވަހު ބޮޓްސުވާނާގައި ބޭއްވި ނެޝަނަލް ޗެމްޕިއަންޝިޕްގައި ބައިވެރިވެ 400 މީޓަރު ދުވުމުގެ ނޭޝަނަލް ޖޫނިއަރ ރެކޯޑު ހޯދުމެވެ. ނާއިލްގެ އިތުރުން ބޮޓްސުވާނާގައި ތަމްރީނުވަމުން އަންނަ ދެ ދަރިވަރުންނަކީ އިބްރާހީމް އަޝްފާން އަލީ އާއި އަހުމަދު އަނޫފް މުހައްމަދެވެ.