ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުވުމަށް ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ކިޔަވައިދެނީ


2016-08-06

ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުވުމުގެ ގޮތުން ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް ސްކޫލްތަކުގެ ދަރިވަރުންނަށް އެންރިޗްމަންޓް ކްލާސްތަކެއް ނަގައިދޭން ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ސްކޫލްތަކާއި ގުޅިގެން ކުރިއަށްގެންދާ މި ކްލާސްތަކަކީ ދަރިވަރުން އޯލެވެލް އިމްތިހާނަށް ތައްޔާރުކުރުވައި، އެހެން އަހަރުތަކަށް ވުރެ މިއަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ރަނގަޅު ކުރުމުގެ ގޮތުން އަދި އިތުރު އެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ކްލާސްތަކެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި އަތޮޅުތަކުގެ ގާއިމްކުރެވިފައިވާ ވީޑިއޯ ކޮންފަރެންސިންގެ ނިޒާމް ގުޅުވާލައިގެން މިދިޔަ ޖުލައި މަހުގެ 24 ން ފެށިގެން ސެޕްޓެމްބަރ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ކްލާސްތަކުގައި ކިޔަވައިދެއްވަނީ އެ މާއްދާއެއްގެ އެންމެ ގާބިލް ޓީޗަރުންނެވެ.

މިގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އާއި ބ. ޓީއާރުސީ ގުޅުވާލައިގެން މިދިޔަ ޖުލައި 24 ވަނަ ދުވަހު ކުރިއަށްގެންދިޔަ އެކައުންޓިން މާއްދާގެ ކްލާހުގައި ކިހާދޫ ސްކޫލާ، މާޅޮހު ސްކޫލާ، ކެންދޫ ސްކޫލާ، ދޮންފަނު ސްކޫލާ، ބ. އަތޮޅު ސްކޫލް އަދި ގޮއިދޫ ސްކޫލުގެ ގްރޭޑް 10 ގައި ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ. ހަމަ މި ސްކޫލްތަކަށް ޖުލައި 25 ވަނަ ދުވަހާއި ޖުލައި 31 ވަނަ ދުވަހުގެ އެކައުންޓިންގެ އިތުރު ކްލާހެއް ނަގައިދީފައިވާ އިރު، މި ކްލާސްތަކަށް ޖުމްލަ 41 ދަރިވަރުން ވަނީ ހާޒިރުވެފަ އެވެ.

އަދި މި މަހުގެ 1  ން 3 ށް ބ. އަތޮޅު ތައުލީމީ މަރުކަޒާއި ބ. އަތޮޅު ސްކޫލުގެ 32 ދަރިވަރަކަށް ކެމިސްޓްރީ ކްލާހެއް ނަގާދެވިފައިވާ އިރު، މި މަހުގެ 4 ވަނަ ދުވަހު ވަނީ ދޮންފަނު ސްކޫލާ، ހިތާދޫ ސްކޫލާ،  ކެންދޫ ސްކޫލާ، ކުޑަރިކިލު ސްކޫލް އަދި ކަމަދޫ ސްކޫލުގެ 50 ދަރިވަރަކަށް އިނގިރޭސި ކުލާހެއް ނަގައިދެވިފަ އެވެ.

މީގެ އިތުރުން، މި މަހުގެ 5 ވަނަ ދުވަހު މާޅޮހު ސްކޫލާ، ކެންދޫ ސްކޫލް އަދި ބ. އަތޮޅު ތައުލީމީ މަރުކަޒުގެ 20 ދަރިވަރުންނަށް އެކައުންޓް ކްލާހެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި މަހުގެ އިތުރު ދުވަސްތަކަށް ބަހާލައިގެން ބ. އަތޮޅުގެ ސްކޫލްތަކަށް ކެމިސްޓްރީ، ޓްރެވަލް އެންޑް ޓްއަރިޒަމް އަދި މެރިން ސައިންސް ފަދަ މާއްދާތަކުން އިތުރު ކްލާސްތައް ނަގައިދިނުމަށް ވަނީ ތާވަލުކުރެވިފައެވެ.

ބ. އަތޮޅުގެ ސްކޫލްތަކުގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި އައްޑޫ ޓީއާރުސީ ގުޅުވާލައިގެން އައްޑު އަތޮޅު ހިތަދޫ ސްކޫލުގެ 37 ދަރިވަރަކަށް ދިވެހި ކްލާހެއް ކުރިއަށް ގެންގޮސްފަ އެވެ.

ބ. އަދި އައްޑޫ އަތޮޅުގެ އިތުރުން ނ. ގއ. އަދި ގދ. އަތޮޅުގެ ސްކޫލްތަކަށް މި ފަދަ އެންރިޗްމަންޓް ކްލާސްތައް ނަގައިދިނުމަށް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.