ޓިވެޓްގެ ތަމްރީނު ޕްރޮގްރާމްތައް ހަރުދަނާ ކުރުމަށް ކުންފުނިތަކާއި އެކު މަޝްވަރާކުރަނީ


2017-02-01

ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުވުމަށް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް) ން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ފޯރަމެއް ފަށައިފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭގައި ކުއީންސްލޭންޑް ޔުނިވަރސިޓީ އޮފް ޓެކްނޮލަޖީ އާއި އެޑިޔުކޭޝަން މިނިސްޓްރީގެ ޓިވެޓް އޮތޯރިޓީ ގުޅިގެން މިއަދު ފެށި އެއްދުވަހުގެ މި ފޯރަމްގައި ކުންފުނިތަކާއި، ސްކޫލްތައް އަދި ޒުވާނުންގެ ތެރެއިން 37 ފަރާތެއް ބައިވެރިވެއެވެ. އޭގެ ތެރޭގައި މަޓީ، މަސީ، ޗެމްބާސް ކޮމާސް، އެސްޓީއޯ، އެމްއޭސީއެލް އަދި އެމްޓީސީސީ އާއި ފޯސީޒަން ރިސޯޓް ފަދަ ރާއްޖޭގެ ބޮޑެތި ކުންފުނިތައް ފާހަގަކޮށްލެވެއެވެ.

ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަސައްކަތްތެރިކަމާއި ހުނަރުގެ ދާއިރާތަކަށް ޒުވާނުން ތަމްރީނު ކުރުމަކީ މި ސަރުކާރުން ބޮޑު އަހައްމިއްޔަތު ކަމެއް ދީގެން ވަރަށް ކާމިޔާބުކަމާއި އެކު ހިންގަމުން އަންނަ ޕްރޮގްރާމްތަކެއް ކަމަށެވެ.

އެގޮތުން، 2008 ވަނަ އަހަރާއި 2013 ވަނަ އަހަރާއި ދެމެދު ޓިވެޓް އޮތޯރިޓީގެ ޕްރޮގްރާމްތަކުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރެވިފައިވަނީ 52 ޒުވާނުން ނަމަވެސް، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 4762 ޒުވާނުން ވަޒީފާގެ ބާޒާރަށް ތަމްރީނުކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ފޯރަމް ގެ މަގްސަދަކީ ފަންނީ ދާއިރާތަކަށް ޒުވާނުން އަހުލުވެރިކުރުވަން ޓިވެޓް އޮތޯރިޓީން ހިންގާ ތަފާތު ކޯސްތަކާއި ޕްރޮގްރާމަތަކުގައި އެކުގައި މަސައްކަތްކުރާ ކުންފުނިތަކާއި އެއްތަނަކުން ބައްދަލުކޮށް މަޝްވަރާކޮށް، ގުޅުން ބަދަހި ކުރުމެވެ. އެގޮތުން، ޓިވެޓް އޮތޯރިޓީގެ ތަމްރީނު ޕްރޮގްރާމްތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުންނާއި އަދި ޓިވެޓް އޮތޯރިޓީން ހިންގާ ޕްރޮގްރާމްތަކަކީ ކުންފުނިތަކާއި އިންޑަސްޓްރީތަކުގެ ބޭނުންތަކާއި އެއްގޮތަށް ފަރުމާ ކުރުވިގެން ކުރިއަށްދާ ޕްރޮގްރާމްތަކަކަށް ހެދުމާއި ގުޅޭ ގޮތުން މި ފޯރަމްގައި މަޝްވަރާ ކުރެވޭނެއެވެ.