ސައުދީ އޮފިޝަލް މިނިސްޓަރާއި ބައްދަލުކުރެއްވުން


2017-02-09

ސައުދީ އަރަބިއްޔާގެ ސަރުކާރުގެ ފަރާތުން ރާއްޖެ ވަޑައިގެން އުޅުއްވާ ޑރ. އަލް ގަމްދީ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކޮށް ދަރިވަރުންގެ އަޤީދާ ވަރުގަދަކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ސްކޫލްތަކުގައި އަރަބި ބަސް އުނގަންނަވައިދެއްވުމަށް ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ ފޮނުވާފައިވާ 25 ޓީޗަރުންގެ ހަވާލުގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޑރ. އަލް ގަމްދީ ވަނީ މިނިސްޓަރ އާއި ބައްދަލުކުރައްވާ ސައުދީ ޓީޗަރުންގެ ވަޒީފާގެ ކަންކަން ހަމަޖެއްސުމުގައި މިނިސްޓްރީން ބެހެއްޓެވި ގާތްކަމާއި ދެއްވާފައިވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ސައުދީ ސަރުކާރުން ރާއްޖެއަށް  ހަދިޔާކުރައްވާފައިވާ ފޮތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ މިއީ ވަރަށް ގިނަ އަދަދެއްގެ ފޮތްތަކަކަށް ވުމާއި އެކު ފޮތްތަކުގެ ގްރޭޑްތައް ވަކިކުރެވި ތަފްސީލީ މައުލޫމާތުތައް ރެކޯޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އަދި މި މަސައްކަތް ފުރިހަމަކުރެވުނުހާ އަވަހަށް، ހުރިހާ ސްކޫލްތަކަށް ފޮތްތައް ފޯރުކޮށްދޭނެ ކަމަށާއި ސްކޫލްތަކުގައި އަރަބި ބަސްކިޔަވައިދިނުމުގައި މި ފޮތްތައް ބޭނުންކުރެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި ސައުދީ ސަރުކާރުގެ ފަރާތުން ބަހައްޓަވާ ގާތްކަމާއި، ދީލަތިކަން ފާހަގަކުރައްވާ ސައުދީ ސަރުކާރަށް ޝުކުރު ދަންނަވާފަ އެވެ.