އިމްތިހާނުތައް ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ތަމްރީނު ކުރަނީ


2017-02-12

އިމްތިހާނު ހޯލްތައް ބަލަހައްޓާ އިންވިޖިލޭޓަރުން ތަމްރީނުކުރުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި އެވެ.

މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަން (ޑީޕީއީ) ން ކުރިއަށްގެންދަވާ މި މަސައްކަތު ބައްދަލުވުމަކީ އިމްތިހާނުތައް ބަލަހައްޓަވާ އިންވިޖިލޭޓަރުން ކޮންމެ އަހަރަކުވެސް ތަމްރީނުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުމުގެ ތެރެއިން ބައްދަލުވުމެކެވެ.

މީގެ ކުރިން މި މަސައްކަތު ބައްދަލުވުން ބޭއްވީ އޯލެވެލް އާއި އޭލެވެލް އަށް ވަކިން މުޅިން ތަފާތު ދެ މަސައްކަތު ބައްދަލުވުމެއްގެ ގޮތުގަ އެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މި މަސައްކަތު ބައްދަލުވުން ބާއްވަނީ ޑީޕީއިން ބާއްވާ ހުރިހާ އިމްތިހާނުތަކެއް އިންވިޖިލޭޓް ކުރެވޭގޮތަށް އެއް މަސައްކަތު ބައްދަލުވުމެއްގެ ގޮތުގަ އެވެ.

މި މަސައްކަތު ބައްދަލުވުމުގައި މާލެ އާއި އަތޮޅުތެރޭގެ 57 ސެންޓަރަކުން ޖުމްލަ 80 މީހަކު ބައިވެރިވެ އެވެ

މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދެވޭ ބައިތަކުގެ ތެރޭގައި އިމްތިހާނުގެ އޮފިޝަލުންނާއި އެމީހުންގެ ޒިންމާއާއި މަސްއޫލިއްޔަތާއި، އިމްތިހާނު ކަރުދާހުގެ ރައްކާތެރިކަމާއި، އިމްތިހާނާއި ގުޅިގެން ކުރާ އިދާރީ މަސައްކަތާއި ކޯޑިނޭޓިންގ އިންވިޖިލޭޓަރ އާއި ޗީފް އިންވިޖިލޭޓަރ ގެ މަސްއޫލިއްޔަތާއި ޒިންމާއާއި އިމްތިހާނުގެ ކުރި އާއި އިމްތިހާނު ހިނގަމުންދާއިރު އަދި އިމްތިހާނު ނިމުމުން ކަންތައް ކުރަންވީ ގޮތް ހިމެނެއެވެ.

މި މަސައްކަތު ބައްލުވުމުގެ މަޤްސަދަކީ އިމްތިހާނު ހޯލު ބަލަހައްޓާ ފަރާތްތަކަށް އިމްތިހާނުގެ އިދާރީ އެންމެހާ މަސައްކަތްތައް އަންގައިދީ، އިމްތިހާނުތައް ހިންގުމުގެ އާންމު އުސޫލުތައް އަންގައިދީ، އިމްތިހާނު ސެންޓަރުގެ ރައްކައުތެރިކަން އަންގައިދީ، އިންވިޖިލޭޓަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އޮޅުންފިލުވައިދީ އަދި އިމްތިހާނު ހިންގާނެ ގޮތާއި އިމްތިހާނު ހޯލެއްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތް އޮޅުން ފިލުވައިދިނުމެވެ.