ދެމެހެޓިނިވި ތަރައްގީ އަށް ޓިވެޓްގެ މުހިއްމު ކަމާއި ބެހޭ ގޮތުން ސެމިނާރެއް


2017-04-11

ދެމެހެޓިނިވި ތަރައްގީ އަށް ޓިވެޓްގެ މުހިއްމު ކަމާއި ބެހޭ ގޮތުން ސެމިނާރެއް ފަށައިފި އެވެ.

ދިވެހިރާއްޖޭގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ އާއި ކޮލޮމްބޯ ޕްލޭން ސްޓާފް ކޮލެޖް ފޮރ ޓެކްނީޝަންސް އެޑިއުކޭޝަން (ސީޕީއެސްސީ) އާއި ގުޅިގެން އިން-ކަންޓްރީ ޕްރޮގްރާމް އޮން "އިފެކްޓިވް ޓީޗިންގ މެތޮޑޮލޮޖީޒް (އޮންލައިން ޑެލިވެރީ) ގެ ނަމުގައި މިދިޔަ އާދިއްތާ ދުވަހުން ފެށިގެން ކުރިއަށްދާ ވޯކްޝޮޕްގެ ބައެއްގެ ގޮތުގައި ބާއްވާ މި ސެމިނާރުގައި ސްކޫލްތަކާއި ކުންފުނިތަކުން 35 މީހަކު ބައިވެރިވެއެވެ.

މި ސެމިނާރުގައި ދެމެހެޓިނިވި ތަރައްގީ އަށް ޓިވެޓްގެ މުހިއްމު ކަމާއި ބެހޭ ގޮތުން 4 ކަރުދާހެއް ހުށައަޅައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން މަޝްވަރާކުރާ ކަރުދާސްތަކުގެ ތެރޭގައި ޓިވެޓުން ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި، ރާއްޖޭގެ ޒުވާނުންގެ މެދުގައި ޓިވެޓް ކޯސްތަކުގެ މަގްބޫލްކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ޒުވާނުން ހުނަރުވެރިކުރުވާ ވަޒީފާގެ ބާޒާރަށް ތަމްރީނުކުރުވުމަށް ޓިވެޓް އޮތޯރިޓީން އިންޑަސްޓްރީތަކާއި އެކު ގުޅުން ގާއިމްކުރުމާއި އަދި މަސައްކަތްތެރި ޒުވާނުން އުފެއްދުމަށް ޓިވެޓް ޕޮލިސީގެ ދައުރު ހިމެނެއެވެ.

ޓިވެޓް ކޯސްތަކުގެ ފެންވަރު މަތިކުރުމަށް ޓިވެޓް އޮތޯރިޓީން ކުރިއަށް ގެންދާ 4 ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ޒަމާނީ ޓެކްނޮލޮޖީތައް ބޭނުން ކޮށްގެން ދިވެހިރާއްޖޭގެ ޓިވެޓް ނިޒާމް ހަރުދަނާކުރުމާއި ގުޅޭ ގޮތުންނާއި، އޮން-ލައިންކޮށް ކުރިއަށް ގެންދާ ޓިވެޓް ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއެކު ޓިވެޓް ކޯސްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ.