ތައުލީމީ ވުޒާރާއިން ދިވެހި ބަހުގެ ދުވަސް ފާހަގަކޮށްފި


2017-04-13

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީގައި ޚާއްސަ ޙަފްލާ އެއް މިއަދު ބާއްވައިފި އެވެ.

މިނިސްޓްރީ ގައި ކުރިއަށް ދިޔަ މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިވެހި ބަހުގެ އެކަޑަމީގެ މުޝްރިފް އަބުދުﷲ ޞޯދިގު (ސޯދުބެ) އެވެ

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އާއި މިނިސްޓްރީ އެންމެހާ ޑިޕާޓްމަންޓްތަކާއި ސެކްޝަންތަކުގެ މުވައްޒަފުން ބައިވެރިވި ޙަފްލާގައި ޞޯދިގު ވަނީ ދިވެހި ބަސް ދިރުވުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. މީގެ އިތުރުން، ބަސް ބޭނުންކުރުމުގައި ބަސްކޮށާރަށް އިސްކަންދެއްވުމަށާއި އަދި ބަސް ބޭނުންކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުކަންދެއްވުމަށް އިލްތިމާޞްކުރެއްވި އެވެ.

"ދިވެހި ބަހަށް ދިރުން ދެވޭނީ އަދި ދިވެހި ބަސް ދެމި އޮންނާނީ ބަހަށް އުނިއިތުރު ނުގެނެސް ބަސް ބޭނުން ކޮށްގެން." ޞޯދިގު ވިދާޅުވިއެވެ.

ޞޯދިގުގެ ވާހަކާގައި ވަނީ ދިވެހި ބަހުގެ ކުރިއެރުވުމަށް ބަހުގެ އެކަޑަމީން މިހާރު ކުރައްވަމުން ގެންދަވާ ކަންކަމަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން، އެޗްސީޕީ ބެލްގެ މޮނޮގްރާފް ތަރުޖަމާކުރުމާއި، ހަސަން ތާޖުއްދީންގެ ތާރީހް ދީބާ މަހަލް ދިވެހި ބަހަށް ތަރުޖަމާކުރުމާއި، ރަހުންނާއި ރަނިން އިނގިރޭސި ބަހަށް ތަރުޖަމާކުރުމާއި، ދިވެހި މާސްޓާސް ކޯހުން އެއްވަނައަށްދާ ފަރާތުގެ ރިސާޗު ފޮތް ނެރުމާއި، އާ ބަސްފޮތް ތައްޔާރު ކުރުމާއި، މަދަރުސާ ކުދިންގެ ބަސްފޮތް ތައްޔާރުކުރުމާއި، ހައްދުން މަތީ ލޯމާފާނު 2 ތަރުޖަމާކުރުމާއި، ދިވެހި ޅެމާއި ރައިވަރު އިނގިރޭސި ބަހަށް ތަރުޖަމާކުރުން އަދި ދިވެހި ގަވާއިދު އިސްލާހުކޮށް ނެރުމަކީ މިހާރު ކުރިއަށްދާ މަސައްކަތްތައް ކަމަށް ވިދާޅުވިއެވެ.

މި ޙަފްލާގައި ވަނީ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓްރީގެ ތައުލީމީ ގުޅުމުން ކުރިއަށް ގެންދިޔަ އަތުލިޔުމުގެ މުބާރާތުން އެންމެ މޮޅު 5 އަތުލިޔުންތެރިން ހޮވާ އެފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު މިނިސްޓްރީގެ މުވައްޒަފުން އޮފީހަށް ހާޒިރުވެފައި ވަނީ ގައުމީ ހެދުން ނުވަތަ ގައުމީ ކުލަތައް ހިމެނޭ ހެދުމުގަ އެވެ.

ރާއްޖޭގެ މަޝްހޫރު އަދީބު ފަޟީލަތުއްޝައިޚް އަލްމަރްހޫމް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގެންނެވި ދުވަސްކަމުގައިވާ އޭޕްރީލް މަހުގެ 14 ވަނަ ދުވަހަކީ ދިވެހި ބަހުގެ ދުވަސް ކަމަށް ކަނޑައަޅައި އެދުވަސް ފާހަގަކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުން ފެށިގެންނެވެ.

މި ދުވަސް ފާހަގަކުރުމަށް މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ 'ދިވެހި ބަސް – ދިވެހި ގައުމީއްޔަތުގެ ނާރެސް' އެވެ.