ދިވެހި ބަހުގެ ދުވަސް


2017-04-13

ދިވެހިބަހަކީ އަޅުގަނޑުމެން ފަޚުރުވެރިވާ އަޅުގަނޑުމެންގެ އަގުބޮޑު ތަރިކައެކެވެ. މި ތަރިކަ ދިރުވާ އާލާ ކުރުމަކީ ފަރުދީ އަދި ޤައުމީ ވާޖިބެކެވެ. މި މަތިވެރި ވާޖިބު އަދާކުރުމަށްޓަކައި މި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައެވެ. ދިވެހިބަސް ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ދިރުވާ އާލާ ކުރުމަށް ސްކޫލްތަކުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. މިހާރު ތަންފީޒުކުރެވެމުންދާ އައު މަންހަޖުގައި ވެސް ދިވެހިބަސް ކުރިއެރުވުމަށް ވަރަށްބޮޑު އިސްކަން ވަނީ ދެވިފައެވެ.  މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ މައިގަނޑު ރުކުން ކަމުގައިވާ "އިސްލާމްދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ، ދީނީ އަދި ޤައުމީ ވާޖިބުތަކަށް އަހުލުވެރި ދަރިވަރުން ބިނާކުރުން" މި ސިޔާސަތުގެ ދަށުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ވަނީ ގިނަ މަސައްކަތްތަކެއް ކުރެވިފައެވެ. އިސްލާމްދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ ދަރިވަރުން އުފެއްދޭނީ ދިވެހި ބަހުގެ ތެރެއިންނެވެ. ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ރުކުނަކީ ދިވެހި ބަހެއެވެ. އެހެންކަމުން ދަރިވަރުންގެ ހިތްތަކުގައި ބަހަށްކުރާ އިޙްތިރާމައި ލޯބި އާލާ ކުރުމަށް ސްކޫލްތަކުންނާއި، ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް މަސައްކަތް ކޮށްދެއްވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢާއިޝަތު ޝިހާމު އެދިވަޑައިގަންނަވައެވެ.

ދިވެހިބަހާއި އަދަބިއްޔާތު ދިރުވާ އާލާކުރުމުގެ ގޮތުން 2016 ވަނައަހަރު ސްކޫލްތަކުގެ މެދުގައި ތަފާތު 12 މުބާރާތެއް ވަނީ ބޭއްވިފައެވެ. މި މުބާރާތްތަކުގައި 500 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި މީގެ އިތުރުން ޤައުމީ ފެންވަރުގައި ދިވެހި ބަހާއި ތާރީޚާއި ސަޤާފަތާ ގުޅުންހުރި ތަފާތު ޙަރަކާތްތައް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުން ބައިވެރިކޮށްގެން ހިންގާފައިވެއެވެ. މި ގޮތުން ޅެން ހެދުމުގެ 10 ކޯސް ހިންގާ 210 ދަރިވަރުންނަށް ޅެން ހެދުމުގެ ހުނަރުތައް ދަސްކޮށްދެވިފައި ވެއެވެ.

ދިވެހިބަހުގެ ދުވަހެއް ފާހަގަ ކުރުމުގެ މަޤްޞަދަކީ، ދަރިވަރުންގެ ހިތްތަކުގައި މި ބަހަށް ލޯބި ޖެއްސުމާއި، ބަސް ދިރުވާ އާލާ ކުރުމެވެ. މިއީ ފަރުދީ އަދި ޤައުމީ ވާޖިބެއްކަމުގައި ދެކި އަންނަން އޮތް ޖީލްތަކަށް މި ބަސް ހެޔޮގޮތުގައި ފޯރުކޮށް ދިނުމަށް ކުރާ މަސައްކަތުގައި އެންމެހާ ޓީޗަރުންނާއި ދަރިވަރުން ޢަމަލީގޮތުން ބައިވެރިވުމަކީ، މުހިންމުކަމެކެވެ. އެހެންކަމުން އަޅުގަނޑުމެންގެ ފަޚުރުކަމުގައިވާ ދިވެހި ބަސް ހެޔޮގޮތުގައި ބޭނުންކުރުމަށް އުނގަންނައި ދެއްވުމުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކަށް މިނިސްޓަރ އިލްތިމާސް ކުރައްވައެވެ.