އެޑިޔުކޭޝަން މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާއި ބައްދަލުކުރައްވަނީ


2017-04-16

އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ހަތަރު އަތޮޅެއްގެ ސްކޫލްތަކުގެ ވެރިންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ހާލަތު ބެއްލެވުމަށް މިނިސްޓަރ ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ޒިޔާރަތްކުރައްވާފައެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދަވާ މި ބައްދަލުކުރެއްވުމުގެ މަގްސަދަކީ މިނިސްޓަރގެ  ދަތުރުފުޅުތަކަށް ފަހު މިހާރު ސްކޫލްތަކުގެ ހާލަތު ހުރި ނެތްގޮތް ބެއްލެވުމެވެ.

މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ  މަޝްރޫއުގެ ފުރަތަމަ ބުރުގައި މިފަހަރު ބައްދަލުކުރައްވާފައިވަނީ ވ، މ، ލ އަދި ގއ. އަތޮޅުގެ ހުރިހާ ސްކޫލްތަކެއްގެ ވެރިންނާ އެވެ. އަދި އިތުރު އަތޮޅުތަކުގެ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުން ކުރިއަށް އޮތް ތިން ހަފްތާގެ ތެރެއަށް ތާވަލުކުރެވިގެންދާނެއެވެ.

މިނިސްޓަރ ގެ މި ބައްދަލުކުރެއްވުމުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރައްވަމުންގެންދާ މަސައްކަތްތަކުގެ މައުލޫމާތު ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރެއްވިއެވެ. އަދި ސްކޫލުތަކުގެ ދަރިވަރުންގެ ތައުލީމީ ފެންވަރު އިތުރަށް މަތިކުރުމާއި ބެހޭ ގޮތުންނާއި، ސްކޫލުތަކަށް ދިމާވާ ދަތިތަކާބެހޭ ގޮތުން ވާހަކަދެކެވި އެކަންތައްތައް ހައްލު ކުރެވިދާނެ ގޮތްތަކާބެހޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

 

މީގެ އިތުރުން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ނިޒާމުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާލައްވައި، އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓްރީގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކަށް ބޭނުންވާ މައުލޫމާތުތައް ޕްރިންސިޕަލުންނަށް ފޯރުކޮށްދެވޭނެ އެވެ. އެގޮތުން، ފައިސާ އާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތާއި، ޓިވެޓް، ދަސްވާރު އަދި ބީޓެކް ފަދަ ޕްރޮގްރާމްތަކުގެ މައުލޫމާތު ކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ހިއްސާކުރެވޭނެއެވެ.