ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނުކުރުމުގެ އިތުރު ބުރެއް ފަށައިފި


2017-04-17

ފުރާވަރު އުމުރުފުރައިގެ ދަރިވަރުންނަށް ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުގެ ޓީޗަރުން ތަމްރީނުކުރުމުގެ މިއަހަރުގެ ހަތަރު ވަނަ ބުރު ފަށައިފިއެވެ.

މި މަހުގެ 12 އިން 20 ގެ ނިޔަލަށް ތުލުސްދޫގައި ހުންނަ ކ. އަތޮޅު ތައުލީމީ މަރުކަޒުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމްގައި 16 ޓީޗަރަކު ބައިވެރިވެއެވެ. މި ތަމްރީނު ޕްރޮގްރާމަށް ބައިވެރިން ހޮވާފައިވަނީ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުވެފައި ނެތް ސްކޫލްތަކުންނާއި އަދި އާބާދީ ބޮޑެތި ސްކޫލްތަކުންނެވެ.

ދިރިއުޅުމުގެ ހުނަރަކީ ސްކޫލްތަކުގެ މެންޑޭޓުގައި ހިމެނިގެން ސްކޫލް ދައުރު ނިމުމުގެ ކުރިން ކޮންމެ ދަރިވަރަކަށް ވެސް އެނގެންޖެހޭ ކަމަކަށް ވާ އިރު، ލައިފް ސްކިލްސް ފެސިލިޓޭޓަރުން ތަމްރީނު ކުރުމުގެ ތިން ބުރެ މިއަހަރު ތެރޭގައި ހިންގި 66 ޓީޗަރުން ލައިފް ސްކިލްސް ފެސިލިޓޭޓަރުންގެ ގޮތުގައި ތަމްރީނުކުރެވިފައިވެއެވެ.

އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ދިރިއުޅުމުގެ ހުނަރުތަކާއި ބެހޭ މައުލޫމާތު ދިނުމަށް މިދިޔަ ޖެނުއަރީ މަހު ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ އިރު، މި ޕްރޮގްރާމްގައި ގއ. ގދ. ލ. އަދި ދ. އަތޮޅުން 23 ޕްރިންސިޕަލަކު ބައިވެރިވިއެވެ.

ފުރާވަރު އުމުރުގެ ދަރިވަރުންގެ ހައްގުތައް ރައްކައުތެރިކޮށް ނުރައްކަލަކަށް ހުށަހެޅިދާނެ ހާއްސަ ހާލަތަކުގައި ބޭނުންކުރެވިދާނެ ހުނަރުތައް ވެސް އުނގަންނައިދޭ މި ޕްރޮގްރާމްގެ ދަށުން 2016 ވަނަ އަހަރު ނިމުން އިރު 624 ޓީޗަރުން މިކަމުގެ ފެސިލިޓޭޓަރުންގެ ގޮތުގައިވަނީ ތަމްރީންކުރެވިފައެވެ. އަދި 2016 ވަނަ އަހަރު ނިމުނު އިރު 26387 ދަރިވަރުން ދިރިއުޅުމުގެ ހުނަރު ޕްރޮގްރާމްގައި ބައިވެރިވެފައިވެއެވެ.

 

ކާމިޔާބު ދިރިއުޅުމެއް ބައްޓަން ކުރުމަށް ބޭނުންވާ ހުނަރުތައް ސްކޫލް ނިމިގެން ދާއިރު ކޮންމެ ދަރިވަރެއްގެ ކިބާގައި އަށަގެންންނެވުމަށް ހިންގާ މި ޕްރޮގްރާމް ގްރޭޑް ހަޔަކުން ފެށިގެން ބާރައިގެން ދަރިވަރުންނަށް ތިން އުމުރު ފުރައަކަށް ބަހާލައިގެން ސްކޫލްތަކުގައި ކުރިއަށް ގެންދެ އެވެ. އެއީ ގްރޭޑް 6 އަދި 7 ގެ ދަރިވަރުންނާއި ގްރޭޑް 8 އަދި 9 ގެ ދަރިވަރުންނާއި ގްރޭޑް  11 އަދި 12 ގެ ދަރިވަރުންގެ އުމުރުފުރައެވެ. ދިރިއުޅުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮސްދިނުމުގައި ހަރަކާތްތައް  ރޭވިފައި ހުންނާނީ ދަރިވަރުންގެ އުމުރުފުރައާ ގުޅޭ ގޮތުންނެވެ.

ސްކޫލްތަކަށް ބޭނުންވާ ލައިފް ސްކިލްސް ފްސިލިޓޭޓަރުން ތަމްރީނުކުރުމުގެ މައިގަނޑު މަގްސަދަކީ ދަރިވަރުންނަށް ބޭނުންވާ ތައުލީމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންކުރެވިދާނެ މުހިއްމު ހުނަރުތައް ޓީޗަރުން މެދުވެރިކޮށް ދަރިވަރުންނަށް އުނގަންނައި ދީ އެ ދަރިވަރުންނަށް ފުރިހަމަ ތަރުބިއްޔަތެއް ދިނުމެވެ.

ދިރިއުޅުމުގެ ހުނަރުތަކަކީ ދަރިވަރުންނަށް ކާމިޔާބު ދިރިއުޅުމެއް ބިނާކޮށް އާރާސްތުކުރުމަށް އެހީވެދޭނެ އިޖުތިމާޢީ އަދި ނަފްސާނީ ހުނަރުތަކެވެ. މީގެ އިތުރުން މި ޕްރޮގްރާމްގައި ފުރާވަރުގެ އުމުރުގެ ކުދިންގެ ހައްގުތައް ރައްކައުތެރިކޮށް އާލާކުރުމަށްޓަކައި ނުރައްކަލަށް ހުށައެޅިދާނެ ހާއްސަ ހާލަތްތަކުގައި ބޭނުންކުރެވިދާނެ ހުނަރުތައް ދަސްކޮށްދެވެއެވެ.

މިގޮތުން ދަސްކޮށްދެވޭ ހުނަރުތަކުގެ ތެރޭގައި، ކަންކަމުގައި ގޮތް ނިންމުމާއި، މައްސަލަ ހައްލުކުރުމާއި، އުފެއްދުންތެރި ވިސްނުމާއި ކްރިޓިކަލް ތިންކިންގ، މުއާމަލާތްކުރުމުގެ ހުނަރާއި ދޭދޭ މީހުންނާއި ބަދަހި ގުޅުމެއް ބޭއްވުން، ހާސްވެ ކަންބޮޑުވުމުން ކުރެވޭ ކަންތައްތައް އަދި އަމިއްލަ ހިއްސާސްތައް ދެނެގަންނަން އެނގުން ފަދަ ހުނަރުތައް ހިމެނެއެވެ.

ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ސްކޫލްތަކުން ތަމްރީނުވާ ޓީޗަރުން ސްކޫލްގައި މަސައްކަތްކުރާ އިތުރު ޓީޗަރުންނަށާއި ބެލެނިވެރިންނަށް މި ޕްރޮގްރާމް ހިންގަ އެވެ.