ކޮންމެ ޒުވާނަކީ ހުނަރުވެރި ޒުވާނެއް!


2017-04-20

 

މޯލްޑިވްސް ޕޮލިޓެކްނިކް ގެ އަމާޒަކި، ވަޒީފާގެ ބާޒާރަށް ބޭނުންވާ މަސައްކަތްތެރިންނާއި ހުނަރުތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކޮށް ވަޒީފާގެ ބާޒާރަށް ތަޢާރަފް ކޮށްދިނުމެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ފަސޭހަ ކަމާއެކު، މަސައްކަތްތެރިކަމުގެ ކޯސްތަކުގައި ބައިވެރިވެ، ހުނަރު ދަސްކޮށް އިތުރަށް ތަރައްޤީ ކުރުމުގައި ފަސޭހަތައް ހޯދައިދީ، ވަޒީފާގެ މައިދާނަށް ތައްޔާރުކުރުމަކީ މޯލްޑިވްސް ޕޮލިޓެކްނިކް އިން ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކަމެކެވެ. އެގޮތުން، މޯލްޑިވްސް ޕޮލިޓެކްނިކްގެ ޚިދުމަތްތައް ފުޅާކޮށް، ކެމްޕަސްތައް ރާއްޖޭގެ އަތޮޅުތަކުގައި ޤާއިމުކޮށް، މާލޭގައި ހިންގޭ ފެންވަރުގެ ކޯސްތައް ފަސޭހަކަމާއެކު ފުރިހަމަކޮށް ވަޒީފާގެ މައިދާނަށް ނުކުމެވޭނެ ފުރުޞަތުތައް ޕޮލިޓެކްނިކުން ދަނީ ހަމަޖައްސައިދެމުންނެވެ. މާލެ ފިޔަވައި ރާއްޖޭގެ 6 ސަރަހައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މި 6 ކެމްޕަހުގެ ތެރެއިން 4 ކެމްޕަހެއް ރާއްޖޭގެ 4 ސަރަހެއްދެއްގައި މިހާރު ވަނީ ހިންގަން ފެށިފައެވެ. މީގެ އިތުރުން ދ. ރިނބުދޫ އަދި ޅ.ފެލިވަރުގައި އައުޓްރީޗް ލާރނިންގ ސެންޓަރ ޤާއިމްކުރެވި އަދި އެތަންތަނުގައި ފެންވަރު ރަނގަޅު ތަމްރީނު ލިބިދިނުމަށް ބޭނުންވާ ވަސީލަތައް ޤާއިމުކުރެވި، ފެންވަރު ރަނގަޅު ލެކްޗަރާރއިންގެ އެހީތެރިކަމާއި އެކު އެމަރުކަޒުތަކުގައި ކޯސްތައް ހިންގަން ވަނީ ފެށިފައެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތަކުގެ ބައިވެރިންނަކީ އިންޑަސްޓްރިއަލް ޓްރެއިނިންގ ފުރިހަމަ ކުރަން ޖެހޭ ބައިވެރިން ކަމަށްވާތީ، އެ ސަރަހައްދުތަކުގައި ޤާއިމުކުރެވިފައިވާ އިންޑަސްޓްރީ ތަކުން އެ ބައިވެރިންނަށް ޢަމަލީ ތަޖުރިބާ ލިބިދެވޭނެ އިންތިޒާމުތައްވެސް ޕޮލިޓެކްނިކުން ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ މަސައްކަތް އިތުރަށް ފުޅާކޮށް، ތަޢުލީމާއި ތަމްރީން އަދި މަސައްކަތްތެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީންކުރުމަށްޓަކައި އިޖާބީގޮތްތައް ތަޢާރަފްކޮށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެވެސް ތަޢުލީމާއި ތަމްރީނު އަދި މަސައްކަތްތެރިކަން ދަސްކުރެވޭނޭ ފުރުސަތު ތަނަވަސްކޮށްދީ، ރަނގަޅު ފެންވަރެއްގައި ރައްޔިތުން ބަލައިގަންނަ ގޮތެއްގައި އިންޓަރނެޓް މެދުވެރިކޮށް ދުރުން ދެވޭ ތަޢުލީމު ފުޅާކުރުމަކީ މޯލްޑިވްސް ޕޮލިޓެކްނިކްގެ އަމާޒެކެވެ. މިގޮތުން މޯލްޑިވްސް ޕޮލިޓެކްނިކް ސްމާރޓް ކެމްޕަސް ޤާއިމްކޮށް ސްމޯލް ބިޒްނަސް މެނޭޖްމަންޓް، އޮފީސް މެނޭޖްމަންޓް ފަދަ ކޯސްތައް އޮންލައިންކޮށް ވަނީ ހިންގަންފެށިއެވެ. ކުރިއަށް އޮތްތަނުނުގައި  ޓެކްނިކަލް ކޯސްތައްވެސް އޮންލައިންކޮށް ކިޔެވޭނޭ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތައް މިހާރު ދަނީ ކުރެވެމުންނެވެ. މީގެ އިތުރުންވެސް މޯލްޑިވްސް ޕޮލިޓެކްނިކްގައި މިދިޔަ އަހަރު އޮޓޯމޯޓިވް އިންޖިނިއަރިންގ އަދި އިންފޯރމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ކޯސްތައްވަނީ އަލަށް ތަޢާރަފްކުރެވިފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގޭ ކޯސްތަކަކީ ޒުވާނުން ބިނާކޮށް ޒުވާނުންނަށް ފައިދާ ހުރި މަސައްކަތްތަކެއް ދަސްކޮށްދިނުމުގެ މަޤްޞަދުގައި ހިންގޭ ކޯސްތަކެއް ކަމުން،  ސްކޫލްތަކުގައި ތަޢުލީމު ޙާސިލުކުރަމުން އަންނަ ދަރިވަރުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމުގެ ޕްރޮގުރާމެއްވެސް ހިންގަމުންގެންނެވެ.

ފާއިތުވެދިޔައަހަރު ޒުވާނުންނަށް އަމާޒްކޮށް ހިންގޭ ޕްރޮގުރާމް ތަކުގައި 735 ޒުވާނުން އަދި ސްކޫލް ޕޮލިޓެކްނިކް ޕްރޮގުރާމްގައި 86 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އެއީ މުޅި ޖުމްލަ 821 ދަރިވަރުން. ހަމަ މިއާއެކު، މި އަހަރު ތަފާތު ކޯސްތަކުގައި ބައިވެރިވުމުގެ 1000 ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ކުރައްވާ މަސައްކަތްތަކަކީ، ސަރުކާރުގެ ވަރަށް މުހިންމު އަމާޒަކަށް ވާސިލުވުމަށް ހިންގޭ ބިޔަ މަޝްރޫއެއްގެ ބައެކެވެ. މި މަޝްރޫޢަކީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ދިވެހި ޒުވާނުން ބާރުވެރިކުރުވާ، އެއްވެސް ޒުވާނަކު ބާކީ ކުރުމެއް ނެތި، ކޮންމެ ޒުވާނަކީވެސް މުޖުތަމަޢުގައި ބޭނުންތެރި ފުދުންތެރި މީހަކަށް ހެއްދެވުމަށް، ސަރުކާރުގެ އެކި އިދާރާތައް މެދުވެރިކުރައްވައިގެން ހިންގަވާ ޙަރަކާތެކެވެ. ޒުވާނުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމަށް ހިންގޭ ޙަރަކާތްތަކާއި، ވަޒީފާ އުފެއްދުމަށް ހިންގޭ ޙަރަކާތްތަކާއި، ޒުވާނުން ވިޔަފާރީގެ ތެރެއަށް ނެރުމަށް ހިންގޭ ޙަރަކާތްތަކީ މީގެ ބައެއް މިސާލުތަކެކެވެ. މި ޙަރަކާތްތަކަކީ، ޒުވާނުންގެ އަމިއްލަ މަސައްކަތުން އެމީހުންގެ ދިރިއުޅުން އާރާސްތުކޮށް، މުޖުތަމަޢުގައި އެހެން މީހުންގެ އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެދުމަށް ރައީސުލްޖުމްހުރިއްޔާ ފަށްޓަވާފައިވާ ޚާއްސަ ޙަރަކާތްތަކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވައިލާ ފުރުސަތުތަކުގެ އިތުރުން، ތަޢުލީމީ ދާއިރާއިން، ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ދަނީ ވެމުންނެވެ. މި ފުރުސަތުތަކުގެ ތެރޭގައި، މިހާރު ކުރިއަށްދާ، 1000 ފާމަސިސްޓުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމާއި، 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޚާއްޞަ ޕްރޮގްރާމާއި، 1123 ނަރުހުން ތަމްރީނުކުރުމުގެ ޚާއްޞަ ޕްރޮގްރާމާއި، މިއަހަރު ހުޅުވައިލެވޭނެ ކޮމްޕިއުޓަރ ކޯޑިންގގެ ދާއިރާއިން ތަމްރީނުވުމުގެ ޚާއްޞަ 1000 ފުރުސަތާއި، މިނޫންވެސް ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހިމެނެއެވެ. މި ހުޅުވައިލެވޭ ޚާއްޞަ ފުރުސަތުގެ ބޭނުމަކީ ވަޒީފާގެ ބާޒާރުގައި މިހާރުވެސް ހުރި ފުރުސަތުތަކަށް ޒުވާނުން ވީހާވެސް އަވަހަކަށް ތައްޔާރުކުރުމެވެ.

ދިވެހި ޒުވާނުން ބާރުވެރިކުރުވާ، ޒުވާނުންގެ ކުރިމަގު ބިނާކުރުމަށް ސަރުކާރުން ފަހިކޮށްދޭ މި އަގުހުރި ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދިވެހި ޒުވާނުންނަށް މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ގޮވާލެއްވިއެވެ. އަދި މިނިސްޓަރ ގެ ވާހަކަފުޅުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އޮނަރަބަލް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދިވެހި ޒުވާނުންނަށް ފަހި މުސްތަޤްބަލެއް ހޯއްދަވައިދެއްވުމަށްޓަކައި ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަށް ފާހަގަކޮށް، އެކަމަށްޓަކައި، އެމަނިކުފާނަށް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު ދެންނެވިއެވެ.

މިއަދު މިމަރުކަޒުން ދަސްވެނިވެގެން ވަޒީފާގެ ބާޒާރަށް މި ނުކުންނަނީ ތަފާތު 14 ކޯހެއް ފުރިހަމަކޮށް ދަސްވެނިވާ  363 ޒުވާނުންނެވެ. ތިޔަ ޒުވާނުންނަށް ދަސްވެފައިވާ ހުނަރެއްގެ ބޭނުން އޭގެ އެންމެ ފައިދާ ހުރި ގޮތުގައި ހިފާ، ތިމާއާއި، ތިމާގެ ޢާއިލާއަށާއި، ޤައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ ޒުވާނުންނަށް ވެ، އެހެން މީހުންނަށް އިޙްތިރާމް ކުރާ، އަދި އެހެން މިހުންގެ އިޙްތިރާމް ލިބިފައިވާ، ޤާބިލު ބައެއްގެ ގޮތުގައި ތިބުމަށް އަބަދުވެސް މަސައްކަތް ކުރުމަށް ވެސް މިނިސްޓަރ އެންމެހާ ދަސްވެނިންނަށް ގޮވާލެއްވިއެވެ.

މި ޒުވާނުން ވަޒީފާތަކަށް ނުކުމެ އާމްދަނި ހޯދަން ފެށުމުން އެކަމުގެ ސަބަބުން ފައިދާ ކުރާނީ ހަމައެކަނި މި ޒުވާނުންނާއި މި  ކުދިންގެ ޢާއިލާތަކަށް އެކަންޏެއް ނޫނެވެ. އޭގެ ސަބަބުން މި ކުދިންގެ ރަށާއި، އަތޮޅާއި ޤައުމަށް ފައިދާ ކުރާނެ، ޚާއްސަ ގޮތެއްގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އޭގެން ކުރާ ފައިދާ ބޮޑުވާނެއެވެ.

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށްޓަކައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި މުވައްޒަފުންނާއި ލެކްޗަރާރއިން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ފޮނި ނަތީޖާ މިއަދު މި ދަނީ ފެންނަމުންނެވެ.

ކޮންމެ ޒުވާނަކީވެސް މުޖުތަމަޢުގައި ޤަދަރު އުފުލިގެންވާ މުޙިންމު ބޭނުންތެރި ޒުވާނަކަށް ހަދާ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ކުރިއަށް އޮތް ތާނުގައި މިއަށްވުރެވެސް ފުރިހަމައަށް، މިއަށްވުރެ  ފުޅާގޮތެއްގައި ކުރުމަކީ މިއަދު މޯލްޑިވްސް ޕޮލިޓެކްނިކުން މަސައްކަތްކުރަމުންދާ އަމާޒެކެވެ.