ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ - ހުރިހާ ކުދިންނަށް ފަހި ފުރުސަތު


2017-04-25

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ ތެރޭގައި ހިމެނޭ 'އެންމެ ކުއްޖަކުވެސް ބާކީ ނުކުރާނަން' މިސިޔާސަތުގެ ދަށުން ހުރިހާ ކުދީން ޝާމިލްކޮށްގެން ތަޢުލީމް ފޯރުކޮށް ދިނުމުގެގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއީ ދިވެހިރާއްޖެ، ބައިވެރިވެފައިވާ ބައިނަލްއަޤުވާމީ އެކިއެކި މުޢާހަދާތަކާއި އަދި ޤާނޫނު ނަންބަރު 2010/08 "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްޤުތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ" ޤާނޫނުގެ 20 ވަނަ މާއްދާއިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ލާޒިމްކުރާ ކަމެކެވެ. އަދި މިއީ ދިވެހި ރާއްޖޭގެ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންޙަޖު (2015) ގެ މައިގަނޑު އެއް އަސާސްވެސްމެއެވެ. ވުމާއެކު ދެވޭ ތަޢުލީމުގެ ފޭރާން ރަނގަޅު ކުރުމަށާއި ހުރިހާ ކުދީންނަށް، އުނގެނުމުގެ ހަމަހަމަ ފުރުޞަތުތައް ހޯދައި ދިނުމަށް ސިޔާސަތުތަކާއި އުޞޫލުތައްހެދި، ހަރުދަނާ އިންކްލޫސިވްނިޒާމެއް ޤާއިމް ކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ގެންދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ތަޢުލީމުގެ ތެރެއިން އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމުގެ ވަޢުދުގެ ތެރެއިން، ކުރެވޭ އެންމެ މުހިއްމު މަސައްކަތަކީ ހުރިހާ ކުދިން ޝާމިލްކޮށްގެން ކިޔަވާދިނުމުގެ މަސައްކަތެވެ. ކޮންމެ ކުއްޖަކީ ހުނަރުވެރި ކުއްޖެއްކަމުގައި ގަބޫލުކޮށް، ތަޢުލީމީ ގޮތުން ދަމާލި ރޮގުގެ ތެރެއިން ކޮންމެ ކުއްޖަކީވެސް އުއްމީދަކާއި އުފެއްދުންތެރި ހުނަރުތަކަކާއެކު، މުޖުތަމަޢުގެ ތެރެއަށް ނުކުންނާނެކުދިންކަން ކަށަވަރުކުރުމަށް ސްކޫލްތަކުގައި ޚާއްސަ ޕްރޮގްރާމްތައް މިއަންނަނީ ހިންގަމުންނެވެ.

އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔެވޭނެ އިންތިޒާމް ސްކޫލްތަކުގައި ފުޅާ ދާއިރާއެއްގައި މި ސަރުކާރުންވަނީ ފަހިކޮށްދެއްވާފައެވެ. އަތޮޅުތެރޭގެ 3 ސަރަޙައްދެއް ގާއިމްކުރެވިފައިވާ އާރލީ އިންޓަވެންޝަން ސެންޓަރުތަކަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ގާއިމްކޮށް ޚިދުމަތް ދޭންފަށާފައިވާ ތަންތަނެވެ. މިއީ މާލެ ފިޔަވައި އަތޮޅު ތެރޭގައި މިފަދަ ސެންޓަރުތައް ގާއިމްކުރެވުނު ފުރަތަމަ ފަހަރެވެ.

ޙާއްސައެހީއަށް ބޭނުންވާ ކުދިންނާއި މެދު އަމަލުކުރަމުންދާ ތަފާތުތައް ނައްތާލާ، ހުރިހާ ސްކޫލެއްގައިވެސް އެފަދަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނާއި މެދު އެއް ހަމައަކުން ޢަމަލުކުރެވި، އެފަދަ ދަރިވަރުންނަށް ދެވޭ ސަމާލުކަން އިތުރު ކުރުމަށް މަސައްކަތް ކުރުމަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އެފަދަ ދަރިވަރުންނަށް އުނގަންނައިދެއްވާ ޓީޗަރުންގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ހަރުދަނާކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އެއްހަމައަކުން ޢަމަލުކުރެވޭނޭ އިންތިޒާމުތަކެއް ހަމަޖައްސައި އެކަންކަން ފުރިހަމައަށް ހިނގަމުން ގެންދާކަން ކަށަވަރު ކުރުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ދެނެގަނެ، އެކަންކަން އެމަގުން ހިނގަމުން ދާނޭ ގޮތެއް ހޯދުމަކީ މިވަގުތަށް އެންމެ މުޙިންމު އެއްކަމެވެ.

ވުމާއެކު، ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންވެސް ތަޢުލީމީ ބޮޅުގެ ތެރޭން ބާކިވިޔަ ނުދީ ހަރުދަނާ ތަޢުލީމަކާއި ތަރުބިއްޔަތެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތާ އެއްގޮތަށް އެކަން ތަންފީޒުކުރެވި، އެދަރިވަރުންނާމެދު ހުރިހާ ސްކޫލަކުންވެސް އެއްހަމައަކުން ޢަމަލުކުރެވޭނޭ ގޮތްތަކެއް ހޯދުމަށާއި، މުޖުތަމަޢުގައި އެފަދަ ދަރިވަރުންނަށް ލިބިދޭންޖެހޭ ލޯތްބާއި، އިޙުތިރާމާއި ޤަދަރަށް އެއްވެސް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ސްކޫލްތަކުގެ އިންތިޒާމުތައް ހަމަޖައްސާ ޓީޗަރުންގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކަމާ ގުޅުން ހުރި ދާއިރާތަކުގެ ފަންނީ ބޭފުޅުންގެ ޚިޔާލާއި މަޝްވަރާ ހޯދައި އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ ގޮތުން ކުރެވެމުން ދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ ބޭއްވޭ ފުރަތަމަ މަހާސިންތާ "ޝާމިލްކުރުމުގެ ތައުލީމީ މަހާސިންތާ 2017" މިއަދު މިވަނީ ފެށިފަ އެވެ. ދަރުބާރުގޭގައި ކުރިއަށްދާ މި މަހާސިންތާ ފަށްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމް އެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މަހާސިންތާގައި ރާއްޖޭގެ ހުރިހާ ސްކޫލަކުން ޖުމްލަ 250 ޓީޗަރުން ވަނީ ބައިވެރިވެފައެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވާދެއްވުމަށް މިހާރުވެސް 215 ޓީޗަރުން ހިދުމަތުގައި އެބަހުރިކަމަށާއި، މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ކޮންމެ ސްކޫލެއްގައި އިންކްލޫސިވް އެންބެސެޑަރެއް ހުންނާނެކަމަށެވެ.

އަދި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ތިއްބަވާ ޓީޗަރުންނަކީ ވަކި ޙާއްސަ ތަމްރީނުތަކެއް ބޭނުންވާނެ ޓީޗަރުންކަމަށްވާތީ، ޙާއްސައެހީއަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކަށް އެކަމަނާގެ ވާހަކާގައި ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

 "މި ދާއިރާއިން ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ ލެވެލްގެ ކޯސްތައް ހިންގައި 217 ޓީޗަރުން ފާއިތުވީ 2 އަހަރުގެތެރޭގައި ވަނީ ތަމްރީނުކޮށްފަ. އަލަށް ފަރުމާކޮށްފައިވާ ޑިޕްލޮމާ އިން ޓީޗިންގ އިންކުލޫސިވް އެޑިޔުކޭޝަން ކޯހުގައި، އޯޓިޒަމަށް ޚާއްސަ މޮޑިއުލެއްވަނީ ހިމަނާފަ. މީގެ އިތުރުން ޑިގްރީ ފެންވަރުގެ ކޯހެއްގައި 23 މުދައްރިސުން މިހާރުވެސް ތައުލީމް ހާސިލްކުރަމުން އަންނަ އިރު، މި 23 ޓީޗަރުން އަންނަ ދިރާސީ އަހަރާއެކު ސްކޫލްތަކާއި ގުޅޭނެ." މިނިސްޓަރ ވިދާޅުވި އެވެ.

މި މަހާސިންތާގެ މަގްސަދަކީ މަދަރުސީ ތަޢުލީމުގެ ޤައުމީ މަންޙަޖުގެ އަސާސްތަކާއި، މައިގަނޑު ޤާބިލިއްޔަތުތަކާއި، ޙިއްޞާކުރާ އަގުތަކާއި  އެއްގޮތަށް ސްކޫލުތަކުގައި އިންކްލޫސިވް ޕްރޮގުރާމް ރާވާ ހިންގާނެ، ޤާބިލް އިންކްލޫސިވް އެންމެބެސެޑަރުން ބިނާކޮށް،ހުރިހާ ކުދީން ޝާމިލުކޮށް ތަޢުލީމް ފޯރުކޮށް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި ގެންގުޅޭ އުޞޫލުތަކަށް ބައިވެރިން އަހުލުވެރި ކުރުވުމެވެ. އަދި އިންކްލޫސިވް މުޖުތަމަޢުއެއް އުފެއްދުމަށް ކަމާއި، ގުޅުންހުރި ފަރާތަތަކުގެ ފަންނީ ލަފައާއި އިރުޝާދު ޙިއްސާ ކުރުމާއި، ހުރިހާ ކުދީން ޝާމިލް ކޮށްގެން ތަޢުލީމް ދިނުމުގައި ސްކޫލުތަކަށް ދިމާވާ ދަތިތައް ދެނެގަނެ އެކަން ކުޑަކުރުމަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަކީ ވެސް މިމަހާސިންތާގެ މަގްސަދެކެވެ.

މި މަހާސިންތާގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އިންކްލޫސިވް އެޑިޔުކޭޝަން ޕްރޮގުރާމް އިތުރަށް ހަރުދަނާ ކުރުމަށް އަޅަންޖެހޭފިޔަވަޅުތައް ކަނޑައަޅައި، ބައިވެރިންނާއި ޙިއްޞާ ކުރުމާއި، ހުރިހާ ކުދީން ޝާމިލްކޮށްގެން ތަޢުލީމް ދިނުމުގައި ސްކޫލުތަކުން ޢަމަލު ކުރާނެ ގޮތުގެ ސިޔާސަތާއި އުޞޫލުތަކާއި މިންގަޑުތައް ފައިނަލް ކުރުމާއި އަދި އިންކްލޫސިވް ވިއުގަރ ގާއިމް ކުރުން ހިމެނެއެވެ.