އެޑިޔުކޭޝަން މިނިސްޓަރ 150 ށް ވުރެ ގިނަ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައިފި


2017-04-26

އެޑިޔުކޭޝަންމިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 152 ޕްރިންސިޕަލުންނާއި ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރެއްވުމުގެ މަޝްރޫއު މިދިތަ ހަފްތާއިން ފެށިގެން ކުރިއަށްދާ އިރު މިހާތަނަށް އެކަމަނާ ވަނީ ހަތަރު ބުރެއްގެ މަތިން ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވާފަ އެވެ. އެއީ ފުރަތަމަ ބުރުގައި ވ، މ، ލ އަދި ގއ އަތޮޅާއި ދެވަނަ ބުރުގައި ފުވައްމުލައް، ބ އަދި ތ އަތޮޅާއި ތިން ވަނަ ބުރުގައި މާލޭގެ ސްކޫލްތަކާއި ރ އަތޮޅެވެ. އަދި އެންމެ ފަހުން އެކަމަނާ ބައްދަލުކުރައްވާފައިވަނީ ނ، ކ އަދި އއ އަތޮޅާއި ހދ، ޅ އަދި ގދ އަތޅުގެ ސްކޫލްތަކުގެ ވެރިންނާ އެވެ.

އަދި އަންނަ ހަފްތާގައި އެކަމަނާ އައްޑޫ، ހއ، ށ، އދ، ފ އަދި ދ އަތޮޅުގެ 60 ސްކޫލެއްގެ ވެރިންނާއި ބައްދަލުކުރައްވާނެއެވެ.

ކޮންމެ ބުރަކަށް ވެސް ދެ ދުވަހުގެ މުއްދަތަށް މާލޭގައި ކުރިއަށްދާ މި ބައްދަލުވުމުގައި މި ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން އެއްވެސް ކުއްޖަކު ބާކީނުކުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން ހިންގަމުން ގެންދަވާ ޓެން ޕްލަސް، އެޓެންޑެންސް ޕޮލިސީ ފަދަ ތަފާތު ޕްރޮގްރާމްތަކުގެ މައުލޫމާތު ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރައްވާ، ސްކޫލްތަކުގައި އެ ޕްރޮގްރާމްތައް ތަންފީޒުކުރެވެމުންދާ މިންވަރާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި އިމްތިހާނުތަކުން ދަރިވަރުން ހޯދާ ނަތީޖާ އިތުރަށް މަތިކުރުމާއި ބެހޭ ގޮތުންނާއި، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތައުލީމީ ސިޔާސަތުތަކުގެ ތެރެއިން ސްކޫލްތަކަށް ލިބިފައިވާ ކުރިއެރުންތަކަކީ ކޮބައިތޯ ބައްލަވާލައްވައި، އިތުރަށް މަސައްކަތްކުރަންވީ ދާއިރާތަކާއި ގުޅޭ ގޮތުން އެކަމަނާ ސްކޫލްތަކުގެ ވެރިންނާއި އެކު މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ޓިވެޓް، ދަސްވާރު، ލައިފްސްކިލްސް އަދި ބީޓެކް ފަދަ ޕްރޮގްރާމްތައް ހިންގެވުމުގައި ހަރަކާތްތެރިވާ ބޭފުޅުން އެ ޕްރޮގްރާމްތަކާއި ބެހޭ ތަފާތު މައުލޫމާތުތައް ޕްރިންސިޕަލުންނާއި ހިއްސާކުރައްވައެވެ. އަދި ފައިސާ އާއި މުވައްޒަފުންނާއި ގުޅުންހުރި ކަންކަމުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ކަމުގެ ފަންނީ ބޭފުޅުން މެދުވެރިކޮށް ސްކޫލްތަކުގެ ވެރިންނާއި ހިއްސާކުރައްވައެވެ.