ކަލާސް€ އެވޯޑް 2016 އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


2017-05-31

ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހޯދާ ދަރިވަރުންގެ ކާމިޔާބީ ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ދަރިވަރުންނަށް ދެމުން އަންނަ 'ކަލާސް އެވޯޑަށް' ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކަލާސް އެވޯޑް 2016 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ އަހަރު ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ދަރިވަރުންނަށެވެ.

 މި އެވޯޑަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިއަހަރު މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ ފަހު ހަފުތާގައެވެ.

އެވޯޑަށް އެދި ހުށައަޅަނީ މިނިސްޓްރީން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ދަރިވަރުން 2016 ވަނަ އަހަރު ކިޔެވި ސްކޫލަށެވެ.

ސްކޫލްދައުރުގައި ކުޅިވަރުގެ ރޮނގުން ކުދިން ހޯދާ ކާމިޔާބީތައް ގައުމީ ފެންވަރުގައި ފާހަގަކުރުމަށް ދެވޭ މި އެވޯޑު މިއަހަރު ދެނީ މައިގަނޑު 13 ކުޅިވަރަކުންނެވެ.އެގޮތުން މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކަކީ ފުޓް ބޯޅަ، ވޮލީ، އެތްލެޓިކްސް، ބެޑްމިންޓަން، ފެތުން، ބާސްކެޓް ބޯލް، ކްރިކެޓް، ނެޓް ބޯލް، ޓެނިސް، ޓޭބަލް ޓެނިސް، ހޭންޑް ބޯލް، ކެރަމް އަދި ޗެސްއެވެ.މި އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ކެޓަގަރީއަކުންނެވެ. އެއީ 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން 18 އަހަރުން ދަށެވެ.

މި އެވޯޑަށް ހޮވޭ ދަރިވަރުން ކަނޑައެޅުމުގައި ބަލަނީ ޕޮއިންޓް އުސޫލުންނެވެ. އެގޮތުން އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ ތިން ކެޓަގަރީ އަކީ ސްކޫލް ފެންވަރު ކާމިޔާބީތަކާއި، ގައުމީ ފެންވަރުގައި ހޯދާ ކާމިޔާބީތައް އަދި ބައިނަލް އަގުވާމީ ފެންވަރުގެ ކާމިޔާބީ ތަކެވެ.

އިންޓާ ސްކޫލް މުބާރާތުގެ ބައިގައި 2 ލެވެލް އެއް ހިމެނެ އެވެ. އެއީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތައް އަދި ސްކޫލްތަކުގެ މެދުގައި ވަކި ރީޖަނަކަށް/ އަތޮޅަކަށް އަމާޒު ކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއެޝަނަކުން އިންޓަރ ސްކޫލް މުބާރާތަކަށް ވުރެ ދަށްކޮށް ރޭންކް ކުރާ މުބާރާތްތަކެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ގޮތުގައި ހިމެނޭ ދެ ބަޔަކީ އާންމުކޮށް ހުޅުވާލެވިގެން ބާއްވާ މުބާރާތްތަކާއި އަދި ހުނަރުވެރިކަމުގެ ގޮތުން ވަކި ފަންތި އަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން ގައުމީ މުބާރާތުގެ ދެވަނަ ކެޓަގަރީގައި ރޭންކް ކުރާ މުބާރާތްތަކެވެ. އަދި ބައިނަލް އަގްވާމީ މުބާރާތްތައް ބަހާލެވިފައިވާ ކެޓަގަރީ ތަކަކީ އޮލިމްޕިކް ގޭމްސް، ރީޖަނަލް ގޭމްސް، ސަބް ރީޖަނަލް ގޭމްސް އަދި އިންޓަނޭޝަނަލް ފެޑަރޭޝަން އަދި ކޮންފެޑަރޭޝަން ގޭމްސް އެވެ.   

ތަރުބަވީ ތަޢުލީމްގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން ޤައުމީ ފެންވަރުގަ އާއި ބައިނަލް އަޤްވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ވަނަ ހޯދާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ހިތްވަރުދިނުމުގެ ގޮތުން  ފުރަތަމަ ފަހަރަށް ކުޅިވަރަށް ހާއްސަ ކަލާސް އެވޯޑް ތައާރަފްކޮށްފައި ވަނީ 2014 ވަނަ އަހަރެވެ. މިއީ މި އެވޯޑް ދެވޭ ހަތަރު ވަނަ އަހަރެވެ.