ހިލޭ ފޮޓޯގްރަފީ ކިޔަވަން ބޭނުންތަ؟


2017-06-14

ޒުވާނުން ހުނަރުވެރި ކުރުވާ، ވަޒީފާގެ ބާޒާރަށް ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ އޮތޯރިޓީ  (ޓިވެޓް އޮތޯރިޓީ) އިން ހިންގާ 1000 ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފޮޓޯގްރާފަރުން ތަމްރީނުކުރުމުގެ ކޯހުގައި މިހާތަނަށް 3 ބެޗެއްގައި ޖުމްލަ 392 ދަރިވަރުން ކިޔަވާނިންމައި އަދި ކިޔަވަމުން މިހާރުވެސް އެބަ ގެންދެއެވެ. އެއީ ލެވެލް 3 ގައި 156 ދަރިވަރުންނާއި އަދި ލެވެލް 4 ގެ ކޯހުގައި 236 ދަރިވަރުންނެވެ. މި ޕްރޮގްރާމްގެ ދަށުން ލެވެލް 3 ފުރިހަމަ ކުރުމަށް ފަހު ލެވެލް 4 ގައި ބައިވެރިވުމުގެ ފުރުސަތު ބައިވެރިންނަށް ލިބެއެވެ.

1000 ފޮޓޯގްރާފަރުންގެ ތަމްރީނު ހަދާފަރާތްތަކަށް ޕްރެކްޓިކަލް ބައި ފުރިހަމަކުރުމަށާއި އާމްދަނީ ހޯދުމުގެ މަސައްކަތުގައި ގެންގުޅުމަށް ތަމްރީނު ހަދާފަރާތުން އަނބުރާ ފައިސާ ދައްކާގޮތަށް "ނިކޮން 3400" މަރުކާގެ ކެމެރާއެއް ދޫކުރެވެއެވެ.

ކޯހުގެ ބައިވެރިން މި ކެމެރާތަކުގެ ފައިސާ އަނބުރާ ދައްކަން ޖެހޭނީ ކޯސް ނިންމުމަށް ފަހު 1 އަހަރުގެ މުއްދަތަށް ބަހާލައިގެން މަހަކު -/ 667ރ އެވެ. އެއީ ޖުމްލަ -/8000 ރ އެވެ.

ޒުވާނުން ވަޒީފާއަށް އަހުލުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން ޓިވެޓް އޮތޯރިޓީން ހިންގާ ތަފާތު ޕްރޮގްރާމްތަކުގައި ވޭތުވެ ދިޔަ 3 އަހަރު ތެރޭގައި 8500 އަށް ވުރެ ގިނަ ޒުވާނުން ތަމްރީނުކުރެވިފައިވެއެވެ.

މި ތަމްރީނުތަކުގެ ތެރޭގައި ފާމަސީ އެސިސްޓެންޓުން ތަމްރީނު ކުރުމުގެ ކޯހާއި، ނަރުހުން ތަމްރީނުކުރުމުގެ ކޯހާއި، ފޮޓޯ ގްރަފަރުން ތަމްރީނުކުރުމުގެ ކޯހާއި، ފުޑް އެންޑް ބެވަރޭޖް އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުން ހުރި ތަފާތު ކޯސްތަކާއި އަދި ދަސްވާރު ކިޔަވާ ދަރިވަރުންނަށް ހިންގާ ތަފާތު ކޯސްތައް އަދި އެޗްޑީސީ އާއި އެންސީއައިޓީ އާއި ގުޅިގެން ހިންގާ ކޯސްތައް ހިމެނެ އެވެ.