ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރެއްވުމަށް ތައުލީމީ ވަޒީރު އައްޑޫ ސިޓީއަށް


2017-07-05

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ މަޝްވަރާތައް ކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އައްޑޫ ސިޓީއަށް ވަޑައިގެންފި އެވެ.

ދެ ދުވަހުގެ މިދަތުރުފުޅުގައި މިނިސްޓަރ އައްޑޫ ސިޓީގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާ ވަކިވަކި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. މިދިޔަ ފެބްރުއަރީ މަހުވެސް އެކަމަނާ ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމުގެ މަޝްވަރާތައް ޕްރިންސިޕަލުންނާއި އެކު ކުރައްވާފަ އެވެ.

މިނިސްޓަރ ގެ މި ބައްދަލުކުރެއްވުންތަކުގައި ވޭތުވެ ދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާއި މެދު މަޝްވަރާކުރެވި، މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވި އެކަމަށްޓަކައި މަސައްކަތްކުރެވިގެންދާނެ އެވެ.

އަދި މި ބައްދަލުވުމުގެ ސަބަބުން މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔައި، އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރެވި ނަތީޖާ ހާސިލްކުރުމަށް މަގުފަހި ވެގެންދާނެ އެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އަރިހުގައި އިސްކަންދަރު ސްކޫލުގެ އިސްވެރިން ބައިވެރިވެ ވަޑައިގެން، ސްކޫލް ހިންގުމުގައާއި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމުގައި އެ ސްކޫލުން އަމަލުކުރާ ގޮތްތައް ހިއްސާކުރައްވާނެ އެވެ.

މިނިސްޓަރ ގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގެ އާސާރީ ތަންތަން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.