ހިތާދޫ ސްކޫލްގައި އިމާރާތްކޮށްފައިވާ 06 ކްލާސްރޫމްގެ ދެބުރި އިމާރާތް ސްކޫލާ ހަވާލުކޮށްފި


2017-07-10

ބ. ހިތާދޫ ސްކޫލްގައި ވޯލްޑް ބޭންކް ގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްފައިވާ 06 ކްލާސްރޫމްގެ ދެބުރި އިމާރާތް ސްކޫލާ ހަވާލުކޮށްފިއެވެ.

މި ހަ ކްލާސްރޫމްގެ މަސައްކަތް ނިންމައި ސްކޫލާއި ހަވާލުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.  ހިތާދޫ ސްކޫލް ގެ އާ ޢިމާރާތުގެ މަސައްކަތް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. އެކުންފުންޏާއި މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ 5.1 މިލިޔަން ރުފިޔާއަށް މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ހިތާދޫ ސްކޫލަށް އަލަށް އިތުރުކުރި ބަޔާއެކު އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެގެންދާނެ އެވެ. ހިތާދޫ ސްކޫލަކީ ގްރޭޑް ދިހަ އަކާއި ހަމައަށް ކިޔަވައިދެމުންގެންދާ ސްކޫލެކެވެ. މި ސްކޫލްގައި 213 ކުދިން ދަނީ ތައުލީމް ހާސިލްކުރަމުންނެވެ.