އެންމެ ކުއްޖަކުވެސް ބާކީ ނުކުރުމަށް ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް އެއް!


2017-07-16

އެންމެ ކުއްޖަކުވެސް ބާކީ ނުކުރާކަން ކަށަވަރު ކުރުމަށްޓަކައި ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް އެއް އެކުލަވާ ލައިފި އެވެ.

ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް ނުވަތަ މޯލްޑިވްސް އެޑިޔުކޭޝަން މެނޭޖުމަންޓް އިންފޯމޭޝަން ސިސްޓަމް (މީމިސް) އިފްތިތާހުކުރުމަށް މިރޭ ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތެއްގައި މި ނިޒާމް އިފްތިތާހުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އަދި ޔުނިސެފް ރީޖަނަލް ޑައިރެކްޓަރ  ޑރ. ޖީން ގޯފް އެވެ.

ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސް އަކީ ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތު އިންޓަނެޓްގެ ޒަރިއްޔާއިން އެއްކޮށް، ބެލެހެއްޓުމަށް ޤާއިމްކުރެވިފައިވާ ނިޒާމެކެވެ. މިގޮތުން ސްކޫލްތަކާއި، ދަރިވަރުންނާއި  އަދި އެންމެހާ މުއައްޒަފުންގެ މައުލޫމާތު އެއްކޮށް، ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ބަލާލުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީ އަށް އަދި ސްކޫލްތަކުގެ މުދައްރިސުންނާއި، ބެލެނިވެރިން އަދި ދަރިވަރުންނަށް ލިބިގެންދެއެވެ.

ތައުލީމީ ދާއިރާގެ ތަފާސް ހިސާބު ބެލެހެއްޓުމަށް މީގެ ކުރިންވެސް ތަފާތު ގޮތްތައް ބޭނުން ކުރެވެމުން އައި ނަމަވެސް އޭރު ބޮޑަށް ބޭނުން ކުރެވެމުން އައީ މެނުއަލް ގޮތްތަކެއް ކަމުން ސްކޫލްތަކަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ.

މިރޭ އިފްތިތާހު ކުރެވުނު ތައުލީމީ މައުލޫމާތު އެކުލެވޭ ޑޭޓާބޭސްގެ ތެރެއިން ދަރިވަރު ސްކޫލަށް ހާޒިރުވާކަން ޔަގީންކުރެވި، ދަރިވަރުންގެ ކިޔެވުމާއި، ސިއްހަތާއި ގުޅުންހުރި މައުލޫމާތުތައް ދުވަހުން ދުވަހަށް އެއްކުރެވި ތައުލީމީ ދާއިރާގެ ތެރެއިން އެއްވެސް ކުއްޖަކު ބާކީ ނުކުރެވޭ ކަން ޔަގީންކުރެވެއެވެ. މިސާލަކަށް، މި ނިޒާމް މެދުވެރިކޮށް ޓްރެކްކުރެވޭ މައުލޫމާތުގެ ތެރެއިން ދަރިވަރަށް ކިޔެވުމުގައި ނުވަތަ ގޭތެރޭގެ މާހައުލުގައި އުނދަގޫތަކެއް ކުރިމަތިވާކަމަށް ފާހަގަކުރެވޭ ނަމަ، ވަގުތު އޮއްވައި، ދަރިވަރަށް ބޭނުންވާ އިތުރު އެހީތެރިކަމާއި ރައްކައުތެރިކަން ފޯރުކޮށްދިނުމަށް އެހީތެރިވެދެވެއެވެ.

މި ޑޭޓާބޭސްގެ އެހީގައި އެއްވެސް ސަބަބަކާއި ހުރެ ސްކޫލަށް ނުގޮސްތިބޭ ކުދިންގެ މައުލޫމާތު ހޯދި، އެކުދިންނަށް ތައުލީމް ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދެވެއެވެ. ސްކޫލްތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުން ސްކޫލް ނިންމުމަށް ފަހު ކުރަންބޭނުންވަނީ ކޮންކަމެއްތޯ ބަލައި، މި ޑޭޓާބޭސް މެދުވެރިކޮށް އުމުރުން 18 އަހަރު ވަންދެން ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވެއެވެ. އަދި ދަރިވަރުން ގަވައިދުން ސްކޫލަށް ހާޒިރުވާކަން ކަށަވަރު ކުރުމަށްޓަކައި މި ޑޭޓާބޭސް މެދުވެރިކޮށް ދަރިވަރުންގެ ހާޒިރީ ހުންނަ ގޮތް ދެނެގަނެވި، ދިގު މުއްދަތަށް ސްކޫލަށް ނާންނަ ދަރިވަރުންގެ މައްސަލަ ހުއްޓްވުމަށް އެކަށީގެންވާ ފިޔަވަޅު އެޅެއެވެ.

މި ނިޒާމަކީ ސެންޓްރަލީ ބެލެހެއްޓޭ ނިޒާމަކަށް ވުމުން ދަރިވަރުންގެ އެންރޯލްމެންޓް ގައި ދިމާވާ މައްސަލަތައް ހައްލުކުރެވިގެންދެއެވެ. އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރު ބަދަލުވެގެންދާ އިރު ދަރިވަރުގެ އެންމެހާ ރެކޯޑުތައް ރައްކައުތެރިކަމާއި އެކު ދަރިވަރު ބަދަލުވާ ސްކޫލަކަށް ފޯރުކޮށްދެވެއެވެ.

މި ނިޒާމުގެ ތެރެއިން ބެލެނިވެރިޔާއަށް ދަރިވަރުގެ ހާޒިރީއާއި ކިޔެވުމާއި ގުޅުން ހުރި އެންމެހާ މައުލޫމާތުތައް ދުވަހުން ދުވަހަށް ލިބިގެންދާނެއެވެ. އޭގެ ސަބަބުން ދަރިވަރުގެ ކިޔެވުމާއި ގުޅުންހުރި އެންމެހާ ކަންކަމުގައި މިހާރަށްވުރެ ބޮޑަށް ސްކޫލްތަކަށް ބެލެނިވެރިންގެ އެއްބާރުލުން ލިބުމަށް މަގުފަހިވެއެވެ.

މީމިސްގެ ތެރެއިން ސްކޫލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި، އަހަރުން އަހަރަށް ދަރިވަރުންގެ ނަތީޖާ މަތިކުރުމުގަ އާއި ސްކޫލްގެ ފެންވަރު މަތި ކުރުމުގައި ޕްރިންސިޕަލުންނަށް އެހީތެރިވެދެވެއެވެ.

މި ޑޭޓާބޭސްގެ ސަބަބުން ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ އެންމެހާ މައުލޫމާތުތައް ފަސޭހަ ކަމާއި އެކު ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. އޭގެ ސަބަބުން ތަފާސް ހިސާބު ހިސާބުތަކުގެ މައްޗަށް ބިނާކޮށް ތައުލީމީ ދާއިރާގެ ތަފާތު ސިޔާސަތުތައް އެކަށައެޅުމަށް އެހީތެރިވެދޭނެއެވެ. އަދި ދުރު ރާސްތާއަށް ތައުލީމީ ސިޔާސަތުތައް އެކުލަވާލުމަށް މަގުފަހިކޮށްދެވެއެވެ.

މީގެ އިތުރުންވެސް، މި ނިޒާމުގެ ތެރެއިން ދަރިވަރުންގެ ރިޕޯޓް ފޯމް ތައްޔާރުކުރުމާއި، އެޓެންޑެންސް ބެލެހެއްޓުމާއި، ވައުޗަރުތައް ދޫކުރުން ފަދަ ކަންކަން ސްކޫލްތަކަށް ކުރެވެއެވެ.

އޯޕެންއީމިސް ނުވަތަ އީމިސް އަކީ ޔުނެސްކޯ އިން ގައުމުތަކުގެ ތައުލީމީ ދާއިރާގެ މައުލޫމާތުތައް އެއްކޮށް، ބެލެހެއްޓުމުގައި އެހީތެރިވެ ދިނުމަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ނިޒާމުގެ ތެރެއިން ވަގުތުން ވަގުތަށް ތައުލީމީ ދާއިރާގެ މައުލޫމާތުތައް އެއްކުރެވި، ނިންމުންތައް ނިންމުމުގައި ސައްހަ މައުލޫމާތުތަކަށް ރިއާޔަތްކުރެވި، ތައުލީމީ ދާއިރާގެ ނަތީޖާ ނެރުމަށް މަގުފަހިކޮށްދެއެވެ.

މި ޑޭޓާބޭސް މިހާރު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފުޅާކުރެވިފައިވާ އިރު، މި ޑޭޓާބޭސް އަށް ސްކޫލްތައް އަހުލުވެރި ކުރުމަށް ކުރިއަށް ގެންދާ ޓްރެއިންގ ޕްރޮގްރާގްރާމްތައް ދަނީ ކުރިއަށެވެ. ޔުނިސެފްގެ އެހީތެރިކަމާއި އެކު ކުރިއަށްދާ މި މަޝްރޫއު އަށް ރާއްޖެއަށް ބޭނުންވާގޮތަށް މި ނިޒާމު ފަރުމާކޮށްދީފައިވަނީ ސީއެސްއެފުންނެވެ.

މި ނިޒާމް މިހާރު ހަމައެކަނި ސްކޫލްތަކުގައި ބޭނުން ކުރަން ފެށުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި މަތީތައުލީމު ދޭ އިސްޓިޓިއުޝަން ތަކުގައިވެސް ބޭނުން ކުރެވޭނެއެވެ.