ބީޓެކް ޕްރޮގްރާމް ފުރިހަމަކޮށް 331 ދަރިވަރުން ދަސްވެނިވެއްޖެ


2017-07-17

އެންމެ ކުއްޖަކު ވެސް ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން އުފެދިގެން އައި ބީޓެކް ޕްރޮގްރާމް ފުރިހަމަކޮށް 331 ދަރިވަރުން ދަސްވެނިވެއްޖެ އެވެ. އިނގިރޭސި ވިލާތުގެ ބިޒްނަސް އެންޑް ޓެކްނޮލޮޖީ އެޑިޔުކޭޝަން ކައުންސިލް، ނުވަތަ ބީޓެކް ޕްރޮގްރާމް ވޭތުވެ ދިޔަ އަހަރު ރާއްޖޭގެ 37 ސްކޫލެއްގައި ވަނީ ހިންގިފައެވެ. މި 37 ސްކޫލްގެ ތެރެއިން 36 ސްކޫލެއްގެ 319 ދަރިވަރުން ޑިޕްލޮމާ ލެވެލް 2 ގެ ކޯސްތައް ފުރިހަމަކޮށް މިރޭ ދަސްވެނިވެފައިވާ އިރު، އައްޑޫ ހައި ސްކޫލުން 12 ދަރިވަރަކު ލެވެލް 3 ގެ ޑިޕްލޮމާ ސެޓިފިކެޓް ހާސިލްކޮށްފައިވެއެވެ.

ރާއްޖޭގެ ތަފާތު ޞިނާޢަތްތަކަށް ބޭނުންވާ މަސައްކަތްތަކާއި، ހުނަރު އުނގަންނައިދިނުމުގެ މަސައްކަތްތެރިކަމުގެ ސްޓްރީމްގެ ދަށުން ސްކޫލްތަކަށް ތައާރަފްކޮށްފައިވާ ދާއިރާތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަޒީފާ ފުރުސަތުތައް ހުރި އަދި މުސްތަގުބަލުގައި ވެސް ފަސޭހަ އިން ވަޒިފާ ލިބެން ހުރި ދާއިރާތަކެވެ.  ވޭތުވެ ދިޔަ އަހަރު ބީޓެކް ޕްރޮގްރާމް ކުރިއަށް ގެންދެވިފައިވާ 5 ދާއިރާއަކީ ހޮސްޕިޓަލިޓީ، އާޓް އެންޑް ޑިޒައިން، ސްޕޯޓްސް، ބިއުޓީ ތެރަޕީ އަދި ބިޒްނަސް އެވެ. އަދި މިއަހަރުވެސް 5 ދާއިރާއެއް ހިޔާރުކުރެވި އެ 5 ދާއިރާއިން ދަރިވަރުންނަށް ވަނީ ފުރުޞަތު ދެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހޮސްޕިޓަލިޓީ، އާޓް އެންޑް ޑިޒައިން، ސްޕޯޓްސް، އިންޖިނިއަރިންގ، އަދި ބިޒްނަސް އެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ބީޓެކް ކޯސްތައް ފަށައި، ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮގްރާމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. ގްރޭޑް 8، 9 އަދި 10 ގެ ދަރިވަރުންގެ ތެރެއިން ބީޓެކް ގައި ބައިވެރިވި ދަރިވަރުންގެ ޢަދަދަށް ބަލާއިރު، ވެތުވެ ދިޔަ އަހަރު 2433 ދަރިވަރުން މިވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. އަދި މިއަހަރު މި ޕްރޮގްރާމުގައި ގްރޭޑް 8، 9 އަދި 10 އިން 3009 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ސައިންސާއި އާރޓްސް އަދި ކޮމާސްގެ ދާއިރާތަކުގެ އިތުރުން ކުދިންގެ ކިބައިގައި މަސައްކަތުގެ ތަޢުލީމާއި ހުނަރު އަށަގަންނުވައި، ސްކޫލު ތަޢުލީމުގެ ތެރެއިން ދަރިވަރުނަށް އިތުރު ފުރުޞަތު ފަހިކޮށް ދިނުމުގެ މަޤްޞަދުގައި 2014 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ސްކޫލްތަކުގައި މި ޕްރޮގްރާމް ތަންފީޒުކުރަން ފެށުމާއި އެކު ރާއްޖޭގެ ސްކޫލުތަކުގައި 4 ސްޓްރީމަށް ކިޔެވުމުގެ މަގު ފަހިވެ، ތަފާތު ސަބަބުތަކާހުރެ ސާނަވީ މަރުހަލާގެ ތައުލީމު ކާމިޔާބު ކަމާއެކު ޙާޞިލްކުރުމުގައި ގޮންޖެހުންތައް ކުރިމަތިވެފައިވާ ދަރިވަރުންނަށާއި އަދި ސައިންސާއި އާރޓްސް ނުވަތަ ކޮމާސް ސްޓްރީމްގެ މާއްދާތައް ކިޔަވާ ހިތްނުވާ ދަރިވަރުންނަށް މަސައްކަތުގެ ތަޖުރިބާއާއެކު ތައުލީމާއި ތަމްރީނު ލިބިގަނެ، ވަޒީފާއަށް ނުކުތުމުގެ މަގު ފަހިވެގެންދިޔަ އެވެ.

މި ސްޓްރީމްގެ ދަށުން، ދަށު ސާނަވީގައި ދިވެހި އިސްލާމް، އިނގިރޭސި އަދި ހިސާބު މި 4 މާއްދާގެ އިތުރުން، އެ ދަރިވަރަކު ކުރިއަށް ދާން ބޭނުންވާ ބީޓިކްގެ ކޯހެއް ފުރިހަމަކޮށް، އޯލެވެލް 4 މާއްދާ އާއި އެއްވަރުގެ ބީޓެކް ލެވެލް 2ގެ ސެޓްފިކެޓެއް ހާސިލްކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބެއެވެ. ބީޓެކް ލެވެލް 2ގެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ގަބޫލުކުރާ ލެވެލް 3ގެ ސަނަދެކެވެ. މަތީ ސާނަވީގައި ހިންގަނީ ބީޓެކް ޑިޕްލޮމާ ލެވެލް 3 ގެ ކޯސްތަކެވެ. އެއީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ އިން ގަބޫލުކުރާ ލެވެލް 4ގެ ސަނަދެކެވެ.

ބީޓެކް ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ ވަޒީފާގެ މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު، އެކުދިން ކިޔަވާ ރަށުން ނުވަތަ ކައިރި އެހެން ރައްރަށުން ލިބުމުގެ ފުރުޞަތު ފަހި ކުރެވިގެން ދެއެވެ. މިކޯސްތަކުގެ ސަބަބުން ދަރިވަރުން މަސައްކަތުގެ މާހައުލަށް ނިކުންނައިރު އެ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަމްރީނާއި ހުނަރާއި، މަސައްކަތުގެ އަޙްލާގް އަދި އަމިއްލަ ނަފްސު ބެލެހެއްޓުމާއި، މީހުނާ ގުޅިގެން މަސައްކަތް ކުރަން ދަސްވުމާއި، މަސައްކަތުގެ މާހައުލުގައި ކަންކަން ކުރާނެގޮތް ދަސްވުމާއި، މައްސަލަތައް ހައްލުކުރަން ދަސްވުމާއި އަދި މުޢާމަލާތް ކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްވެއެވެ. އަދި މަސައްކަތުގެ މާހައުލުގަޔާއި އާއްމު ދިރިއުޅުމުގައި ގެންގުޅެންވީ ސްލޫކީ މިންގަނޑުތައް ދަސްވެ، ބީޓެކް ކޯސްތަކުން އުނގެނުނު ދާއިރާތަކުން އިތުރައް ކިޔެވުމައް މަގުފަހިވެގެން ދެއެވެ.

ބީޓެކް ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރު ތިޔާގިވެގެންދާ އިރު ބީޓެކްގެ ކޯސްތައް ނިންމައި ދަރިވަރުން މުޖުތަމައުއަށް ނިކުންނަނީ ވަޒީފާ ހަމަޖެހޭނެ ކަމުގެ ޔަގީން ކަމާއި އެކުގައެވެ. އޭގެ ސަބަބުން މަސައްކަތެއް ނެތި އުޅޭ ކުދިންގެ އަދަދު މަދުކުރެވި ކުށަށް އަރައިގަތުމުގެ ނިސްބަތް މަދުކުރެވިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ޔަގީން ކުރެއެވެ.