ރ. އަތޮޅުގެ ދެ ސްކޫލަކަށް އިތުރުކުރި އިމާރާތް ނިންމާ ސްކޫލާއި ހަވާލުކޮށްފި


2017-07-18

ރ. އަތޮޅުގެ ދެ ސްކޫލެއްގައި އަލަށް ގާއިމްކުރި އިމާރާތް ނިންމާ ސްކޫލާއި ހަވާލުކޮށްފިއެވެ.

އިމާރާތުގެ މަސައްކަތް ނިމުމާއި ގުޅިގެން ހަވާލުކޮށްފައިވަނީ ރ. ރަސްމާދޫ ސްކޫލަށް އިތުރުކޮށްފައިވާ 05 ކްލާސްރޫމްގެ ޕާޓިޝަން ހޯލް އަދި ރ. އިންގުރައިދޫ ސްކޫލްގައި އިމާރާތްކޮށްފައިވާ 08 ކްލާސްރޫމްގެ ދެބުރި އިމާރާތެވެ.

ރަސްމާދޫ ސްކޫލުގެ 05 ކްލާސްރޫމްގެ ޕާޓިޝަން ހޯލްގެ މަސައްކަތް ނިންމާ ސްކޫލާއި ހަވާލުކޮށްފައިވަނީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި އިންގުރައިދޫ ސްކޫލްގެ އާ އިމާރާތްވެސް އެ ސްކޫލާއި ހަވާލުކޮށްފައިވަނީ ހަމަ އެދުވަހު އެވެ. މި ދެ ޕްރޮޖެކްޓް ގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

މި ދެ ސްކޫލަށް އަލަށް އިތުރުކުރި އިމާރާތާއި އެކު ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުވެގެންދާނެ އެވެ. ރަސްމާދޫ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމަޔަށް ކިޔަވައިދޭ އިރު، އެ ސްކޫލްގައި 120 ދަރިވަރުން ތައުލީމް ހާސިލްކުރެއެވެ. އަދި އިންގުރައިދޫ ސްކޫލްގައި 313 ދަރިވަރަކު ތައުލީމް ހާސިލްކުރަމުން ދެއެވެ. އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމަޔަށް ކިޔަވައިދެ އެވެ.