ޖަޕާނުގައި އޮންނަ ސައިންސާއި ޓެކްނޮލަޖީގެ ޕްރޮގްރާމެއްގައި 5 ދަރިވަރަކު ބައިވެރިވެއްޖެ


2017-07-20

ޖަޕާނުގައި އޮންނަ ސައިންސާއި ޓެކްނޮލަޖީގެ ޕްރޮގްރާމެއްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މި ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާއި، އެ ދަރިވަރުންގެ ބެލެނިވެރިންނަށް މުޚާތަބްކުރައްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ސައިންސާއި ޓެކްނޮލަޖީގެ ދާއިރާއިން އޭޝިޔާގެ ތަފާތު ގައުމުތަކުގެ ދަރިވަރުންނާއި އެކު  މައުލޫމާތު ބަދަލލުކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންނދާނެ ކަމަށެވެ. އެހެންކަމުން، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ ލިބޭ މައުލޫމާތާއި، ތަޖުރިބާގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފުމަށް މިނިސްޓަރ ވަނީ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ސަކޫރާ އޭޝިޔާ ޔޫތު އެކްސްޗޭންޖު ޕްރޮގްރާމް އިން ސައިންސް އަކީ ޖަޕާނުގެ ސައިން އެންޑް ޓެކްނޮލަޖީ އެޖެންސީގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާގްރާމްގެ މަގްސަދަކީ މުސްތަގުބަލުގެ ޖީލު ސައިންސާއި ޓެކްނޮލަޖީ ގެ ދާއިރާއިން ބާރުވެރި ކުރުވުމަށް އެހީތެރިވެދިނުމެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭން ދަރިވަރުން ހޮވާފައިވަނީ މަތީ ސާނަވީ ގައި ތައުލީމް ހާސިލްކުރަމުން އަންނަ 5 ދަރިވަރަކާއި، އޮފިޝަލެވެ. އެއީ ވިލާ އިންޓަރނޭޝަނަލް ހައިސްކޫލްގެ ދަރިވަރަކާއި، އަހްމަދިއްޔާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރަކާއި، ސީއެޗްއެސްއީ ގެ 2 ދަރިވަރެއް އަދި ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރެކެވެ.

މި ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންގެ ޓީމް އަންނަ ހޮނިހިރު ދުވަހު ޖަޕާނަށް ފުރަން ހަމަޖެހިފައިވާ އިރު، ދަރިވަރުން ޖަޕާނުގައި ހަފްތާއެއް ހޭދަކުރާނެ އެވެ. ޕްރޮގްރާމް ނިންމާލުމަށްފަހު ދަރިވަރުން އެނބުރި ރާއްޖެ އަންނާނީ  މި މަހުގެ 29 ވަނަ ދުވަހުއެވެ.

މި ޕްރޮގްރާމް އިންތިޒާމުކޮށްފައިވަނީ ޖަޕާނުގެ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ކަލްޗަރ ، ސްޕޯޓްސް، ސައިންސް އެންޑް ޓެކްނޮލަޖީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ޖަޕާން ސައިން އެންޑް ޓެކްނޮލަޖީގެ ފަރާތުންނެވެ.