ސްކޫލްތަކުގެ ވެރިން މަލްޓިގްރޭޑް ޓީޗިންގެ މައުލޫމާތު ދީފި


2017-07-20

ސްކޫލްތަކުގެ އިސްވެރިން މަލްޓިގްރޭޑް ޓީޗިން އަށް އަހުލުވެރި ކުރުވުމުގެ މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީ އާއި ރާއްޖޭގެ 14 ސަރަހައްދެއްގައި ހުރި ޓީއާރުސީތައް ވީޑިއޯކޮންފަރެންސިންގ ގެ ނިޒާމުން ގުޅުވާލައިގެން މިއަދު ބޭއްވި މައުލޫމާތު ހިއްސާކުރުމުގެ މި ބައްދަލުވުމުގައި 44 ސްކޫލެއްގެ ވެރިން ބައިވެރިވި އެވެ.

މި ބައްދަލުވުމުގައި ބައިވެރިންނަށް މައުލޫމާތު ދީފައިވަނީ ރާއްޖޭގައި މަލްޓިގްރޭޑް ޓީޗިން ފުޅާ ކުރުމުގެ މަސައްކަތުގައި އުޅުއްވާ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެންއައީ) ގެ މުވައްޒަފުންނެވެ. ބައްދަލުވުމުގައި ސްކޫލްތަކުގެ ވެރިންނަށް ހިއްސާކުރެވުނު މައުލޫމާތު ތަކުގެ ތެރޭގައި މަލްޓި ގްރޭޑް ޓީޗިން އަކީ ކޮބައި ކަމާއި، އާބާދީ މަދު ސްކޫލްތަކުގައި މަލްޓިގްރޭޑް ކޮށް ކިޔަވައިދިނުމުގެ ސަބަބުން ދަރިވަރުންނަށް ކުރާ މަންފާ އާއި، ސްކޫލްތަކުގައި މަލްޓިގްރޭޑް ޓީޗިން ތައާރަފްކުރުމަށް ކުރެވެމުން އަންނަ މަސައްކަތްތަކާއި، މަލްޓިގްރޭޑް ކްލާސްރޫމްތަކުގައި ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމް މޮނީޓާ ކުރާނެ ގޮތްތައް ހިމެނެ އެވެ.

މަލްޓި ގްރޭޑް ޓީޗިން އަކީ އާބާދީ މަދު ސްކޫލްތަކުގައި ރަނގަޅު ފެންވަރެއްގައި ދަރިވަރުންނަށް މަންފާ ކުރަނިވި ތައުލީމެއް ފޯރުކޮށްދިނުމަށް، ދަރިވަރުންނަށް ކްލާސްރޫމެއްގެ މާހައުލުން ލިބެން ޖެހޭ މައުލޫމާތާއި، ހުނަރާއި، ސިފަތައް ލިބިދިނުމަށްޓަކައި އެއްގްރޭޑަކަށް ވުރެ ގިނަ ގްރޭޑްތައް އެއްކޮށް، އެއް ކުލާސްރޫމެއްގައި ކުދިންގެ ފެންވަރާއި ގުޅޭ ގޮތަށް ކިޔަވައިދިނުމެވެ.

ރާއްޖޭގައި އާބާދީ މަދު ސްކޫލްތަކަށް އަމާޒުކޮށްގެން މަލްޓިގްރޭޑް ޓީޗިން ތައާރަފްކޮށް، މަލްޓިގްރޭޑް ކޮށް ކިޔަވައިދޭން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. މަލްޓިގްރޭޑް ޓީޗިން ރާއްޖޭގެ ސްކޫލްތަކަށް ތައާރަފްކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި މަލްޓިގްރޭޑް އުސޫލުން ކިޔަވައިދޭ ސްކޫލްތަކުގެ ޓީޗަރުން ތަމްރީނު ކުރުމާއި، މިފަދަ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ކްލާސް ރޫމް ސެޓަޕްތައް ސްކޫލްތަކުގައި ގާއިމްކުރުން ހިމެނެއެވެ. އަދި ކޮންމެ ސްކޫލެއްގައިވެސް މަލްޓިގްރޭޑް ތައާރަފްކުރުމުގެ ކުރިން މިކަމަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން، އެ ރަށެއްގެ ބެލެނިވެރިންނާއި، ރަށުކައުންސިލް އަދި މުދައްރިސުންނަށް މިކަމާ ބެހޭ މައުލޫމާތު ހިއްސާކުރުމަކީ ވެސް މި މަސައްކަތުގެ ބައެކެވެ.

ޓީޗަރުން ތަމްރީނުކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ދަށުން ވޭތުވެ ދިޔަ 3 އަހަރުގެ ތެރޭގައި މަލްޓިގްރޭޑް ތަމްރީން ޕްރޮގްރާމްގެ ފުރަތަމަ ފޭސް 23 ސްކޫލަކުން 341 ޓީޗަރަކު ފުރިހަމަކޮށްފައިވާ އިރު، މަލްޓި ގްރޭޑް ތަމްރީނު (ފޭސް 1 އަދި ފޭސް 2) 19 ސްކޫލެއްގެ 111 ޓީޗަރަކު ވަނީ ފުރިހަމަކޮށްފަ އެވެ.

އަދި މަލްޓި ގްރޭޑް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ބޭނުންކުރާ ޓީވީ އާއި ތިއޭޓާ ސިސްޓަމް އަދި ކްލާސްރޫމް ސެޓަޕްތައް ސްކޫލްތަކުގައި ގާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑް ގައި އަންނަނީ ކުރެވެމުންނެވެ.

ކިޔަވަން ތިބޭ ކްލާސްރޫމްގައި ކުދިން މަދުވުމުން، މުއާމަލާތްކޮށްގެން އެކުދިން ކަންކަން ދަސްކުރާ މިންވަރު ކުޑަވެއެވެ. އޭގެ ސަބަބުން ކުދިންގެ ވިސްނުމާއި، ފިކުރާއި އަދި އެކުދިންގެ އިޖުތިމާޢީ ތަރައްޤީއަށް އަސަރު ފޯރުވައެވެ. އަދި ޑިމޮކްރެޓިކް ވެއްޓެއްގައި ގިނަ ބަޔަކާއެކު ދިރިއުޅުމުގެ ޤާބިލުކަން ކުދިންނަށް ލިބުން ކުޑަވެއެވެ.

ކަންކަމުގައި މަޝްވަރާ ކުރާނެ ބައެއްނެތި ސްކޫލު ތައުލީމު ނިންމުމަށްފަހު، މަސައްކަތަށް ނުކުތުމުން، ކަންކަން އަމިއްލަޔަށް މީހުންގެ މަޝްވަރާނެތި ކުރުމުގެ  އާދަ، އެކުދިންގެ ކިބައިގައި އަށަގަތުމުގެ ފުރުސަތު ބޮޑުވެއެވެ. އަދި އެކަނިވެރިކޮށް އުޅެން ދަސްވުމުގެ ސަބަބުން، ދިރިއުޅުމުގައި މުޖުތަމިއުގެ އެހެން އަފްރާދުންނާއި ގުޅިގެން އެކީގައި  އުޅުމުގެ ޝައިޤުވެރިކަން ގެއްލި  އިޖުތިމާއީގޮތުން ގުޅުން ކުޑަ މުޖުތަމިއުތައް ބިނާވުމަށް މަގުފަހިވެގެން ދާނެއެވެ.

ނިސްބަތުން ކުދިން މަދު ސްކޫލުތަކުގައި، ހުރިހާ ގްރޭޑެއްގެ ކްލާސްތަކަށް ޓީޗަރުން ހަމަކޮށް،  މަދު ކުދިންނަށް، ކިޔަވައިދިނުމަކީ އިޤްތިސާދީގޮތުން ދެކޮޅުނުޖެހޭ، ހަރަދުބޮޑު، އަދި ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލް ނުވެވޭ ބުރަ މަސައްކަތެވެ.