އިލެކްޓްރިޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި


2017-08-09

ދިވެހި ޒުވާނުންނަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކަށް ހެދުމަށް މޯލްޑިވްސް ޕޮލިޓެކްނިކުން ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ތައާރަފްކޮށްފައިވާ 1500 އިލެކްޓްރިޝަނުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި އެވެ.

ފެނަކަ ކޯފަރޭޝަން ލިމިޓެޑް އާއި ގުޅިގެން ކުރިއަށް ގެންދާ މިޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިންޖީނުގެތަކަށް ތަމްރީނު ލިބިފައިވާ އިލެކްޓްރިޝަނުން ތަމްރީނުކުރުމެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މިކޯހުގެ ބައިވެރިން ކޯސް ފުރިހަމަ ކުރާނީ ރަށުގައި ތިބެގެން އޮންލައިންކޮށެވެ. އަދި ޕްރެކްޓިކަލް ބައިތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަތޮޅު ތަކަށް ބަހާލައިގެން އަތޮޅުގެ ކޮންމެވެސް ރަށަކަށް ކޯހުގެ ބައިވެރިން ގޮސްގެނެވެ.  

މޯލްޑިވްސް ޕޮލިޓެކްނިކުން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސެޓްފިކެޓް ލެވެލް 3 އިން އިލެކްރިޝަން ކޯހުގެ މުއްދަތަކީ 6 މަސް ދުވަސް ކަމަށާއި، މި ކޯހުގައި ބައިވެރި ވުމުގެ ސުންގަޑި އަކީ މި މަހުގެ 27 ވާ އާދިއްތަ ދުވަސް ކަމަށެވެ. ކޯހުގައި ބައިވެރިވާ ފަރާތަކީ ގްރޭޑް  6 ފުރިހަމަކޮށްފައިވާ ނުވަތަ ލެވެލް 2 ގެ ސެޓްފިކެޓެއް ހާޞިލްކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ. އަދި 18 އަހަރުވެފައި އިނގިރޭސި، ދިވެހި ބަހުން ލިޔަންކިޔަން ދަންނަ ފަރާތަކަށްވުން އެހެނިހެން ޝަރުތުތަކުގެ ގޮތުގައި ހިމެނެއެވެ. ޕޮލިޓެކްނިކުން މައުލޫމާތު ދެއްވި ގޮތުގައި މި ކޯހުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު އެވެ.

ފީ އަކާއިނުލައި ކުރިއަށްގެންދާ މިކޯހުގައި ބައިވެރިވުމުގެ ފޯމު ދޫކޮށް ބަލައިގަންނާނީ މޯލްޑިވްސް ޕޮލިޓެކްނިކް އާއި އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތަކުންނާއި، އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ފެނަކާ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗް ތަކުން އަދި ރަށު ކައުންސިލްތަކުންނެވެ.

މި ކޯހުގައި ބައިވެރިވުމަށްޓަކައި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އާއި ތަޢުލީމީ ސަނަދުތަކުގެ އެކްރެޑިޓް ކޮށްފައިވާ ކޮޕީ ހުށައަޅާން ވާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. އަދި އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅާނީ  info@polytechnic.edu.mv އަށެވެ. 

މޯލްޑިވްސް ޕޮލިޓެކްނިކް ގެ އަމާޒަކި، ވަޒީފާގެ ބާޒާރަށް ބޭނުންވާ މަސައްކަތްތެރިންނާއި ހުނަރުތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތަކަށް ބޭނުންވާ ޒުވާނުން ތައްޔާރުކޮށް ވަޒީފާގެ ބާޒާރަށް ތަޢާރަފް ކޮށްދިނުމެވެ.

މާލެ ފިޔަވައި ރާއްޖޭގެ 6 ސަރަހައްދެއްގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ ކެމްޕަސްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވާއިރު، މި 6 ކެމްޕަހުގެ ތެރެއިން 4 ކެމްޕަހެއް ރާއްޖޭގެ 4 ސަރަހެއްދެއްގައި މިހާރު ވަނީ ހިންގަން ފެށިފަ އެވެ. މީގެ އިތުރުން ދ. ރިނބުދޫ އަދި ޅ.ފެލިވަރުގައި އައުޓްރީޗް ލާރނިންގ ސެންޓަރ ޤާއިމްކުރެވި އަދި އެތަންތަނުގައި ފެންވަރު ރަނގަޅު ތަމްރީނު ލިބިދިނުމަށް ބޭނުންވާ ވަސީލަތައް ޤާއިމުކުރެވި އެމަރުކަޒުތަކުގައި ކޯސްތައް ހިންގަން ވަނީ ފެށިފައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ހިންގޭ ކޯސްތަކުގެ ބައިވެރިންނަކީ އިންޑަސްޓްރިއަލް ޓްރެއިނިންގ ފުރިހަމަ ކުރަން ޖެހޭ ބައިވެރިން ކަމަށްވާތީ، އެ ސަރަހައްދުތަކުގައި ޤާއިމުކުރެވިފައިވާ އިންޑަސްޓްރީ ތަކުން އެ ބައިވެރިންނަށް ޢަމަލީ ތަޖުރިބާ ލިބިދެވޭނެ އިންތިޒާމުތައްވެސް ޕޮލިޓެކްނިކުން ވަނީ ހަމަޖެހިފަ އެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކް ސްމާރޓް ކެމްޕަސް ޤާއިމްކޮށް ސްމޯލް ބިޒްނަސް މެނޭޖްމަންޓް، އޮފީސް މެނޭޖްމަންޓް ފަދަ ކޯސްތައް އޮންލައިންކޮށް ވަނީ ހިންގަންފެށިފައެވެ.

ސްކޫލްތަކުގައި ތައުލީމު ޙާސިލުކުރަމުން އަންނަ ދަރިވަރުން ވަޒީފާގެ ބާޒާރަށް ތައްޔާރުކުރުމުގެ ޕްރޮގުރާމެއްވެސް މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަނީ ހިންގަމުންނެވެ. ފާއިތުވެ ދިޔައަހަރު ޒުވާނުންނަށް އަމާޒްކޮށް ހިންގޭ ޕްރޮގުރާމް ތަކުގައި 735 ޒުވާނުން އަދި ސްކޫލް ޕޮލިޓެކްނިކް ޕްރޮގުރާމްގައި 86 ދަރިވަރުން ވަނީ ބައިވެރިވެފަ އެވެ.

މޯލްޑިވްސް ޕޮލިޓެކްނިކުން ހުޅުވައިލާ ފުރުސަތުތަކުގެ އިތުރުން، މަސައްކަތްތެރި ޒުވާނުން ތަމްރީނުކުރުމުގެ ގިނަ ފުރުސަތުތަކެއް މިނިސްޓްރީން ދަނީ ހުޅުވައިދެމުންނެވެ. މި ފުރުސަތުތަކުގެ ތެރޭގައި، މިހާރު ކުރިއަށްދާ، 1000 ފާމަސިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމާއި، 1000 ފޮޓޯގްރާފަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމާއި، 1123 ނަރުހުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި، މިއަހަރު ހުޅުވައިލެވޭ ކޮމްޕިއުޓަރ ކޯޑިންގގެ ދާއިރާއިން ތަމްރީނުވުމުގެ 1000 ފުރުސަތާއި، މިނޫންވެސް ތަމްރީނުގެ ގިނަ ފުރުސަތުތަކެއް ހިމެނެއެވެ. މި ހުޅުވައިލެވޭ ފުރުސަތުގެ ބޭނުމަކީ ވަޒީފާގެ ބާޒާރުގައި މިހާރުވެސް ހުރި ފުރުސަތުތަކަށް ޒުވާނުން ވީހާވެސް އަވަހަކަށް ތައްޔާރުކުރުމެވެ. މި ފުރުސަތުތަކުގެ ތެރެއިން ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 8500 އަށް ވުރެ ޒުވާނުން ވަނީ ތަމްރީނުވެފައެވެ.