ޔަންގް ފިޝަރސް ކްލަބްގެ ރިސޯސް ޓީޗަރުންގެ މަޝްވަރާ ބައްދަލުވުން ނިންމުން


2017-08-27

މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންއިން ރާއްޖޭގެ ބައެއް ސްކޫލްތަކުގައި ހިންގުމަށް ރޭވިފައިވާ ޔަންގް ފިޝަރސް ކްލަބް ގެ ޙަރަކާތްތަކުގައި ކޯޑިނޭޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާ ޓީޗަރުންނާއި ރިސޯސްބޭފުޅުންނަށް އަމާޒުކޮށްގެން މިމަހުގެ 22 އިން 27 އަށް ބޭއްވުނު އޮރިއެންޓޭޝަން އެންޑް ޑިސްކަޝަން ވޯކްޝޮޕް ނިންމުމުގެ ގޮތުން ޚާއްޞަ ޙަފްލާއެއް މިއަދު ވަނީ ބާއްވާފައެވެ.

ވޭލާނާގޭ ގައި ހުންނަ ސިވިލްސަރވިސް ޓްރޭނިންގ ރޫމްގައި ބޭއްވުނު މި ޙަފްލާ ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު ޝިހާމެވެ. މި ވޯކްޝޮޕްގެ ބައިވެރިންނަށް ހަދާނީ ލިޔުން ދިނުމާއި، ކްލަބްގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ބައެއް އިކުއިޕްމަންޓާއި އާލާތްތައް ވަނީ ސްކޫލްތަކާއި ޙަވާލުކުރެވިފައެވެ. އެގޮތުން ލެޕްޓޮޕް ކޮމްޕިއުޓަރ، ފަރސްޓްއެއިޑް ކިޓް، އިލެކްޓްރޯނިކް ޓޫލްކިޓް، ސަމުގާ، އަދި މި ޙަރަކާތްތަކަށް ބޭނުންވާ ރިސޯސް މެޓީރިއަލްއާއި ރިފަރެންސް ފޮތްވެސްވަނީ މި ރަސްމިއްޔާތުގައި ސްކޫލްތަކާއި ޙަވާލުކުރެވިފައެވެ.

މި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސްކޫލްގެ މާޙައުލުން ކުދިންނަށް ޢަމަލީގޮތުން ބޭނުންވާ ހުނަރުތަކާއި މަޢުލޫމާތު ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުދިންނަށް އެކުދިންގެ ވަށައިގެންވާ މާޙައުލުގެ މުހިންމުކަމާއި، އެ މާޙައުލާއި ގުޅިފައިވާ ވަޞީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓުމުގެ ބޭނުމާއި، އެ މާހައުލުގެ އަގުވަޒަންކުރުމަށް ޢަމަލީގޮތުން ހިންގޭ ޙަރަކާތްތަކުގެ ބޭނުންތެރިކަން ފާހަގަކުރެއްވިއެވެ. އަދި އެކަމަށްޓަކައި މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން މި ފައްޓަވާ ޔަންގ ފިޝަރސް ކްލަބަކީ އެ މަޤްޞަދު ވަރަށްބޮޑަށް ޙާޞިލްވެގެންދާ ޙަރަކާތެއް ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެކަމަށްޓަކައި އެމް އެފް އޭ ގެ ޗެއަރމަން މައިޒާން އަޙްމަދު މަނިކަށާއި، އެސޯސިއޭޝަންއަށް ވަރަށްބޮޑަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މުސްތަޤްބަލުގައިވެސް ފިޝަމަންސް އެސޯސިއޭޝަނުން މީހުން ބިނާކުރުމާއި، ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތުގައި ފުރިހަމައަށް އެހީތެރިކަން ދެއްވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ވޯކްޝޮޕްގައި ކްލަބްގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމާއި ގުޅޭގޮތުން ބައިވެރިންނާ މަޝްވަރާކުރެވުމުގެ އިތުރުން ކްލަބްގެ ޙަރަކާތްތަކާއި ގުޅޭގޮތުން ބޭނުންވާނޭ ތަފާތު މަޢުލޫމާތު ކަމާގުޅޭ ފަންނީ މާހިރުން މެދުވެރިކޮށް ބައިވެރިންނަށް ފޯރުކޮށްދެވިފައިވެއެވެ.

ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތަކީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވޭ ޙަރަކާތެކެވެ. އެގޮތުން ދިރާގު، އެސްޓީއޯ، އޭއެމްޑީސީ، ލިންކްސަރވް، ޕްރޮޖެކްޓް ހޯޕް، މައިޒާން އިލެކްޓްރޯނިކްސް، މޯލްޑިވްސް މެރިޓައިމް އެކަޑަމީ، ސީޕްރިއާ އަދި މޯލްޑިވިއަންގެ ފަރާތުން މި ޙަރަކާތައް ވަރަށް ބޮޑު އެހީތެރިކަމެއް ވަނީ ފޯރުކޮށްދެއްވާފައެވެ.