އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ކިޔަވައިދޭން ފަށާނެ


2020-06-15

ކޯވިޑް19 ފެތުރެމުން ނުދާ ރަށްތަކުގެ ސްކޫލްތަކުގައި އެޗްޕީއޭގެ ލަފައާއި އެއްގޮތަށް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ކިޔަވައިދޭން ފަށާނެ އެވެ. މިކަން ހާމަކުރައްވާފައިވަނީ މިރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ.

ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުގެ ތައްޔާރީތައް ކުރިއަށްދަނީ ޔުނިސެފްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ އެޑިއުކޭޝަން ދާއިރާގެ ކޮވިޑް ރެސްޕޮންސް ޕްލޭންގެ ދަށުންނެވެ.

ކޮވިޑް ރެސްޕޮންސް ޕްލޭންގައި ހިމެނޭ ފަސްބަޔަކީ؛ 

ސްކޫލްތައް ރައްކާތެރިކަމާއެކު ހިންގުން

ކިޔަވައިދިނުމާއި އުނގެނުން މެދުނުކެނޑި ކުރިއަށް ގެންދިއުން

ވަލްނަރަބަލް ކުދިންނާ ހަމައަށް ވާސިލުވުން

ބަލިން ރައްކާތެރިވުމާއި ރެޒިލިއަންސް ބިލްޑް ކުރުން

މި ހާލަތުގައި ސްކޫލް ހިންގުމާއި ކޯޑިނޭޓް ކުރުން

ސްކޫލްތައް އަލުން ހުޅުވާއިރު އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވާ ކޯވިޑްގެ ބަލިމަޑުކަން މިހާރު ތަހައްމަލް ކުރަމުންދާ ކުދިންނާއި މުއައްޒަފުންގެ މަޢުލޫމާތު ހޯދައި އެ ކުދިންނަށް ފިލާވަޅުތައް ލިބޭނޭ ގޮތް ހޯދައި ދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުންނެވެ.

އަދި ސިއްޚީ ގޮތުން ހައިރިސްކް ކުދިންގެ މަޢުލޫމާތު މިހާރު އެއްކޮށް އެކުދިންނަށް ކިޔެވުން ކުރިއަށް ގެންދެވިދާނެ ގޮތްތައް ރާވާ އެކަންތައްތައް ސްކޫލްތަކާއި މިހާރުވަނީ ހިއްސާ ކުރެވިފައެވެ.

ސްކޫލްތަކުގައި ކިޔަވާ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ކަންކަން ވީހާވެސް ފުރިހަމައަށް ގެންދިއުމަށްޓަކައި ކޮންމެ ސްކޫލެއްގައި ޚާއްސަ އެސްއޯޕީއެއް އެކުލަވާލެވިފައި އޮންނާނެއެވެ. މި އެސްއޯޕީގެ ދަށުން ކޮންމެ ސްކޫލެއްގައި މިފަދަ ދަރިވަރުންގެ ކަންކަން ބެލެހެއްޓުމަށް ފޯކަލްޕޮއިންޓެއް އައްޔަންކޮށް އެދަރިވަރުންގެ ކިޔެވުމުގެ ކަންކަން މޮނިޓަރ ކުރަމުން ގެންދެވޭނެ އެވެ. 

ސްކޫލްތައް ހުޅުވާނީ ފޭސް ތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ކޯވިޑްގެ ނުރައްކާ ނެތް ރަށްރަށުގައި ގްރޭޑް އެކަކުން ފެށިގެން 12 އަށް ކިޔަވައިދޭން ފެށި ނަމަވެސް ބަލި ފެތުރެމުންދާ ރަށްތަކުގައި ސްކޫލު ހުޅުވޭނީ ގްރޭޑް ނުވައަކުން ފެށިގެން މަތީގެ ގްރޭޑް ތަކަށެވެ.

މިހާލަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ސިއްހީ ކަންކަމަށް ކަމުގައިވާތީ ސްކޫލުތައް ހުޅުވި ކަމުގައިވިޔަސް އެޗްޕީއޭގެ އެލަރޓް ލެވެލްތަކާ އެއްގޮތަށް ސްކޫލުގެ ކަންކަން ބަދަލުވެގެންދާނެ.

ސްކޫލްތައް ހުޅުވުމުގައި ސްކޫލްތަކުން ޢަމަލު ކުރަންޖެހޭ ގައިޑްލައިންތައް މިހާރު ވަނީ ސްކޫލްތަކަށް ފޮނުވާފައެވެ. އެ ގައިޑްލައިންގައި ސްކޫލް ހުޅުވުމުގެ ކުރިންނާއި، ހުޅުވިގެންދާއިރު އަދި ސްކޫލް ހުޅުވުމުގެ ފަހުން ޢަމަލު ކުރަންޖެހޭ ގޮތްތައް ސާފުކޮށް އެނގެން އޮންނާނެއެވެ.

ސްކޫލްތައް ހުޅުވިގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އެޅިގެންދާނެއެވެ. ސްކޫލު ހުޅުވުމުގެ ކުރިން ކުރަން ކަނޑައެޅިފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮވިޑް19 ގެ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ދަރިވަރުންނާއި މުވައްޒަފުންގެ މަޢުލޫމާތު އެއްކޮށް އެދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުން. އަދި މުވައްޒަފުންނަށް ލުއިތަކެއް ދިނުން.
  • ސިއްހީ ގޮތުން ހައި ރިސްކުގައި ތިބި ދަރިވަރުންނާއި މުވައްޒަފުން ފާހަގަކޮށް ލުއިތައްދިނުން.
  • ދަރިވަރުންނަށް ބޭނުންވާ މާސްކު ހޯދުމަށް ބެލެނިވެރިންނަށް އިރުޝާދު ދިނުން.
  • ސްކޫލު މާހައުލުގައި ރަނގަޅުގޮތުގައި ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަށް ބޭނުންވާނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ސްކޫލުތަކުގައި އަތް ދޮވެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ސްކޫލު ޑިސްއިންފެކްޓްކުރުމާއި ސެނިޓައިޒް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުން.
  • އަތާއި ނޭވާ ލާ ނިޒާމުގެ ސާފުތާހިރުކަމާމެދު ދަރިވަރުންނާއި މުވައްޒަފުން ހޭލުންތެރިކުރުވުމަށްޓަކައި ޓްރޭނިންގ ހިންގުން.
  • ސްކޫލު ސާފުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނެގޮތުގެ ޓްރޭނިންގ ސަޕޯރޓް ސްޓާފުންނާއި މުވައްޒަފުންނާއި ދަރިވަރުންނަށް ދިނުން.
  • ރައްކާތެރިވުމަށް ބޭނުންވާ ވަސީލަތްތައް ގަނެ ސްކޫލުތަކަށް ފޯރުކޮށްދިނުން. މީގެ ތެރޭގައި ހިމެނެނީ ހުންބަލާ ތަމޯމީޓަރާއި، ސާފުކުރުމަސް ބޭނުންވާ ތަކެއްޗާއި، ސާފުކުރުމަށްލާ ހެދުން ފަދަ ތަކެތި.

ސްކޫލަށް ވަންނަ ހިނދުން ފެށިގެން ހުރިހާ ވަގުތަކު ގައިދުރުކަން ދެމެހެއްޓުމަށް ސްކޫލްގައި ކަންކަން ރޭވިފައި ހުންނާނެއެވެ. އެގޮތުން އެންމެ މުހިއްމު ކަމަކަށް އަލުން ސްކޫލް ހުޅުވޭއިރު ކޮންމެ ކުލާހެއްގައި ދަރިވަރުންގެ އަދަދު 15އަށްވުރެ އިތުރު ނުވާނެއެވެ.

ދަރިވަރުންނާއި މުއައްޒަފުން ހިމެނޭގޮތުން ސްކޫލަށް ވަންނަ ހުރިހާ ފަރާތްތަކުން މާސްކު އަޅަން ޖެހޭނެއެވެ. އެންމެ އެދެވިގެންވަނީ ފޮތި މާސްކެވެ. ދަރިވަރުން އަދި ސްކޫލުތަކުގެ މުއައްޒިފުންވެސް ސްކޫލުގައި ބޭނުންކުރަންވާނީ އެއްވެސް ޑިޒައިންއެއްނެތް (ޕްލެއިން) ފޮތިންފަހާފައިވާ މާސްކްއެވެ. އަދި މާސްކުގައި ސްކޫލުގެ ލޯގޯ ޖެހުމާއި އެނޫންވެސް ޒީނަތްތެރިކުރުމުގެ ގޮތުން ފާހަގަވާނޭފަދަ އިތުރު ކުރެހުމެއް/ޑިޒައިނެއް ހުރެގެން ނުވާނެއެވެ.

ކޯވިޑްއާ ގުޅިގެން ދަރިވަރުންނަށް ދިމާވާ ނަފްސާނީ އަދި އިޖްތިމާޢީ މައްސަލަތަކުގައި އެހީތެރި ވުމުގެ ގޮތުން 11 ހާސް ޓީޗަރުން ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސައިކޯސޯޝަލް ސަޕޯޓް ތަމްރީންގެ ފުރަތަމަ ބުރު ވަރަށް އަވަހަށް ފެށިގެންދާނެއެވެ.

އެކުއްޖަކު ކިޔަވާ ސްކޫލް ނޫން އެހެން ރަށެއްގައި މިވަގުތު ތިބި ދަރިވަރުންނަށް އެދަރިވަރަކު މިހާރު ހުރި ރަށެއްގެ ސްކޫލެއްގައި ވަގުތީ ގޮތުން ނަމަވެސް ތަޢުލީމު ހާސިލް ކުރުމުގެ ފުރުސަތު ދެވިގެންދާނެއެވެ.

ވޭތިވެދިޔަ 3 މަހެއްހާ ދުވަހު ސްކޫލްތައް ބަންދުވެފައި އޮތް އިރު ދަރިވަރުންނަށް ތަޢުލީމް އުނގަންނައިދިނުން މެދުކެނޑުނަނުދީ ކުރިއަށް ގެންގޮސްފައިވަނީ ޓެލިކިލާސް އަދި ގޫގްލްކްލާސްރޫމް މެދުވެރިކޮށެވެ.