ޚާއްޞައެހީއަށް ބޭނުންވާ ދަރިވަރުން ހިމެނޭހެން ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ހުނަރާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދިނުމަށްޓަކައި ޤާއިމުކުރާ ހަބް ސްކޫލްތަކުގެ ތެރެއިން، ހުނަރާއި އީޖާދުގެ މަރުކަޒު "ފަންނުވެށި" އިފުތިތާހުކޮށްފިއެވެ. ފަންނުވެށި އިފުތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.
މި މަރުކަޒަކީ ދިވެހިރާއްޖޭގެ ތަޢުލީމުގެ ގާނުނުގެ މާއްދާ 8ގެ ދަށުން އުފައްދާފައިވާ ހުރިހާ ކުދިން ޝާމިލުކޮށްގެން ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގައި ބަޔާންކޮށްފައިވާ ކަންކަން ޙާޞިލުކުރުމަށްޓަކައި ޤާއިމުކޮށްފައިވާ މަރުކަޒެކެވެ. އަދި ތަޢުލީމުގެ ޤާނޫނުގެ ދަށުން ރަސްމީ ތަޢުލީމުގެ ތެރެއިން ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފުކުރުމުގައި އެޅުނު ފުރަތަމަ ފިޔަވަޅެވެ.
ފަންނުވެށީގެ ދަށުން އިފްތިތާހުކުރެވިގެން ދިޔަ 4 ޕްރޮގްރާމަކީ، ކެއްކުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ޤާއިމުކޮށްފައިވާ "ކައްކާވަތި"، ބިއުޓީ ތެރަޕީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ނަލަވަތި"، ޓެކްނޮލޮޖީގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ޓެކްވަތި"، އަދި ފެހުމުގެ ހުނަރުތައް ދަސްކޮށްދިނުމަށް ގާއިމުކޮށްފައިވާ "ފަހާވަތި"، މި 4 ޕްރޮގްރާމެވެ. މީގެ އިތުރުންވެސް މުސްތަޤުބަލުގައި އިތުރު ފަންނުތައް ދަސްކޮށްދިނުމުގެ މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ.
ފަންނުވެށިން ދަސްވެނިވާ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ސެޓްފިކެޓް ލެވަލް 3ގެ ސަނަދާއިއެކު ދަސްވެނިވާނެ ދަރިވަރުނެވެ. އަދި މި ވެށީގައި އުނގެނޭ ދަރިވަރުންނަށް، މި ހުނަރާއި ފަންނު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ޢަމަލީގޮތުންވެސް މަސައްކަތްކުރާނެ ފުރުސަތު ލިބިގެންދާނެވެ.
ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމަށް ގެނެވުނު މި އިންޤިލާބީ ބަދަލުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ޢިމާދުއްދީން ސްކޫލްގައެވެ.
ފަންނުވެށި ތަރައްޤީ ކުރުމުގައި އަމިއްލަ ފަރާތްތަކާއި ކުންފުނިތައްކަމަށްވާ އެޓްމޮސްފިއަރ ފައުންޑޭޝަން އަދި އީވް ގާމެންޓްސްގެ އެހީތެރިކަންވަނީލިބިފައެވެ.