10 މިލިއަން ޑޮލަރުގެ އޭ.އީ.ޑީ.ޕީ ޕްރޮޖެކްޓް ލޯންޗުކޮށްފި


2023-01-26

ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް އެކުލަވާލެވިފައިވާ 10 މިލިއަން ޑޮލަރުގެ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ލޯންޗްކޮށްފިއެވެ.

 މިއީ 5 އަހަރުދުވަހުގެ މުއްދަތަށް ޕްލޭން ކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

އޭއީޑީޕީގެ މައިގަނޑު މަގްސަދަކީ، ޘާނަވީ ތައުލީމު ދަރިވަރުންނަށް ފޯރުކޮށްދިނުން އިތުރަށް ފުޅާކޮށް، ޘާނަވީ ގްރޭޑްތަކުގައި ކިޔަވާ ދިނުމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމެވެ.

ތަޢުލީމުގެ ޤާނޫނުގެ ދަށުން، މަދަރުސީ ތަޢުލީމުގެ ނިޒާމުގައި ފަންނީ އަދި މަސައްކަތްތެރިކަމުގެ ތަޢުލީމު ފޯރުކޮށްދިނުމަށް ލާޒިމުކުރެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި ސްޓެމް އެޑިޔުކޭޝަނާއި ވޮކޭޝަނަލް އެޑިޔުކޭޝަން ތަޢާރަފްކުރެވިގެންދާނެއެވެ. މީގެ އިތުރުން މި ޕްރޮޖެކްޓަކީ ލިޓްރަސީ އާއި ނިއުމެރަސީގެ ހުނަރުތައް އިތުރުކުރުމާއި، އާންމު ތަޢުލީމީ ނިޒާމުގެ ތެރެއިން ޘާނަވީ ތަޢުލީމުގެ ކޮލިޓީ އެޝުއަރެންސް ހަރުދަނާ ކުރުމަށް ފަރުމާކޮށްފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން،ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭހެން ހޮވާފައިވާ 28 ސްކޫލެއްގައި ސައިސް އާއި އައިސީޓީ އަދި ސްޓެމް އެޑިޔުކޭޝަން ހިމެނޭގޮތަށް ވަޞީލަތް ފުރިހަމަ ރިސޯސް ސެންޓަރު ގާއިމް ކުރެވިގެންދާނެއެވެ. މީގެ އިތުރުން ޘާނަވީ މަރުޙަލާގެ ދަރިވަރުންގެ ކިބައިގައި ހުނަރުވެރިކަން އަށަގެންނެވުމުގެ މަޤްސަދުގައި ސްކިލް ލެބް ޤާއިމް ކުރުމަށް މި ޕްރޮޖެކްޓްގައި ޕްލޭން ކުރެވިފައި ވެއެވެ. މިކަމަށްޓަކައި ސްކޫލްތަކުގައި މިހާރު ހުރި ވަޞީލަތްތައް އިތުރަށް ތަރައްޤީކޮށް ތިމާވެއްޓާއި ރައްޓެހި، 'ގްރީން ކޮންސެޕްޓް' ތައް ހިމަނައިގެން ދަރިވަރުންނަށް ކިޔަވައިދިނުން ބައްޓަން ކުރުމަށް މަސައްކަތްތަކެއްވަނީ ފެށިފައެވެ.    

މުދައްރިސުންނަކީ ތަޢުލީމީ ހުރިހާ މަސައްކަތެއް ތަންފީޒުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މި ޕްރޮޖެކްޓްގެ ދަށުން މުދައްރިސުންގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، މުދައްރިސުންނަށް ބޭނުންވާ ކަރިކިއުލަމް މެޓީރިއަލް އަދި ކިޔަވާދިނުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތައް އުފެއްދުމުގައި ބޭނުންކުރާނެ ވަސީލަތްތައް ތައްޔާރުކުރުމަށް އެހީތެރިކަން ލިބިގެންދާނެއެވެ. މި އެހީގެ ސަބަބުން މުދައްރިސުންގެ ފަންނީ ހުނަރުގެ ބޭނުންހިފައި، ދަރިވަރުންނާ އެކު އިތުރަށް ގުޅިގެން ކިޔަވާދެވޭނެ މާހައުލެއް  ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެ އެވެ. މީގެ އިތުރުން ޓީޗަރުންގެ މޯޓިވޭޝަން، ޕެޑަގޯޖިކަލް ސްކިލްސް އަދި ޤާބިލުކަން އިތުރުކުރުމަށްޓަކައި ސްކޫލް ބޭސްޑް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އެސް.ބީ.ޕީ.ޑީ) އަށް ވެސް މި ޕްރޮޖެކްޓްގެ ދަށުން އެހީތެރިކަން ލިބިގެންދާނެއެވެ.

ތަޢުލީމީ ކުރިއެރުމާއި ފެންވަރު ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޕްރޮޖެކްޓް އިންޓަރވެންޝަންތަކުގެ ދާއިރާތަކަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޢާންމު ތަޢުލީމީ ނިޒާމުގައި ތަޢުލީމުގެ ކޮލިޓީ އެޝުއަރަންސަށް މިޕްރޮޖެކްޓުން އަހަންމިއްޔަތުކަމެއް ދެއެވެ. މިގޮތުން ސްކޫލްތަކުގެ ސެލްފް އިވެލުއޭޝަނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް (ކިއުއޭޑީ) ގެ އެކްސްޓަރނަލް އިވެލުއޭޝަން ހިމެނޭ ގޮތަށް ކޮލިޓީ އެޝުއަރެންސް ރިވިއުތައް ކުރިއަށް ގެންދިއުމަކީވެސް މިޕްރޮޖެކްޓްގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ ކަމެކެވެ.   

މި ޕްރޮޖެކްޓްގެ ދަށުން ސާނަވީ ގްރޭޑްތަކުގައި ޕްރޮޖެކްޓްގައި ކަނޑައަޅާފައިވާ ބައިތަކުން އުނގެނުމާއި އުނގަންނައިދިނުން ކުރިއެރުވުމަށްޓަކައި ސްކޫލްރިވިއު ރިޕޯޓްތަކުގައި ފާހަގަ ކުރައްވާ އެކި ބައިތައް ހަރުދަނާކޮށް ތަންފީޒުކުރުމަށް ކޮންމެ ސްކޫލަކަށް 'ސްކޫލް ގްރާންޓް' ދިނުމަށްވެސް މި ޕްރޮޖެކްޓްގެ ދަށުން މަސައްކަތް ކުރެވިގެން ދާނެއެވެ.