"ޤައުމުގެ ކުރިއެރުމުގައި ތަޢުލީމީ ނިޒާމުގެ މުހިންމުކަން އެޑިޔުކޭޝަން މިނިސްޓަރ ފާހަގަކުރައްވައިފި"

07 ނޮވެމްބަރު 2024
...

ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި ތަޢުލީމީ ނިޒާމުގެ މުހިންމުކަން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ފާހަގަކުރައްވައިފިއެވެ. މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހު ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ، ތަޢުލީމީ ނިޒާމުގެ ފެންވަރާއި، ފުރުޞަތުތަކާއި، އުނގަންނައިދިނުމުގެ ފެންވަރަކީ ޤައުމުގެ ކުރިއެރުމާ ސީދާ ގުޅުންހުރި ކަންކަން ކަމަށެވެ.
 
 މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގައި މުދައްރިސުން ލިބުމުގެ ދަތިކަން  ވަރަށް ބޮޑަށް ދިމާވެފައިވެއެވެ. މި ގޮންޖެހުން ޙައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެޑިޔުކޭޝަން މިނިސްޓްރީން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މާރިޗު 2024 އިން ފެށިގެން 130 އަށްވުރެ ގިނަ ދިވެހި ދަރިވަރުން މުދައްރިސްކަމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަން އުފަލާއެކު ފާހަގަކުރެއްވިއެވެ.
 
 މީގެ އިތުރުން، ޓީޗަރުންނަކީ މުޖުތަމަޢުގައި ގަދަރުވެރި، އަބުރުވެރި އަދި ޝަރަފުވެރި ބަޔަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މިގޮތުން ޓީޗަރުންގެ ވޯކް-ލައިފް ބެލެންސް ހިފެހެއްޓުމަށްޓަކައި ހުކުރު ދުވަހަކީ މަސައްކަތް ނުކުރާ ދުވަހެއް ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި މުދައްރިސުންނަށް ދެވޭ ޤަދަރާއި އިޙްތިރާމުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހިރާއްޖޭގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމުގެ މުހިންމުކަން އެމަނިކުފާނު އިސްކަމާއެކު ފާހަގަކުރެއްވިއެވެ
 
 ނިންމާލަމުން، މިނިސްޓަރ ޝަފީޢު ވިދާޅުވީ މުދައްރިސްކަމަކީ ވަރަށް މާތް އަދި މުހިންމު މަސައްކަތެއް ކަމަށާއި، ޤައުމު ބިނާކުރުމަށް މީހުން ތައްޔާރުކުރުމުގެ މަސައްކަތުގައި ދަރިވަރުން ބައިވެރިވުމަކީ އުފާވެރި ކަމެއް ކަމުގައެވެ. މި ބަޔާނުން، ތަޢުލީމީ ދާއިރާގެ މުހިންމުކަމާއި، މުދައްރިސުންގެ ދައުރު އުފުލުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައިވެއެވެ.